ދުނިޔެ

ކަސްޓަމްސްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކޮރެއާ އާއި އިންޑިއާއިން އެއްބަސްވެއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑިއާގައި ވިޔަފާރިކުރާ ކޮރެއާގެ ކުންފުނިތަކަށް ދިމާވާ ދަތިތަކާއި، މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިމެނޭހެން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކޮރެއާ ކަސްޓަމްސް އެޖެންސީ އާއި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އިން މަޝްވަރާކޮށްފިއެވެ.

ކޮރެއާގެ ކަސްޓަމްސް އިދާރާއިން ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް މިހާރަށްވުރެ ފަސޭހަކޮށް، ކަސްޓަމްސްގެ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

ކޮރެއާ ކަސްޓަމްސް ސަރވިސް (ކޭސީއެސް) އިން ބުނި ގޮތުގައި، އަންގާރަ ދުވަހު ނިއުދިއްލީގައި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި، ކޮރެއާގެ ވިޔަފާރިތަކަށް ކަސްޓަމްސްގެ ކަންކަން ފަސޭހަކަމާއެކު ހަމަޖެހޭނެ މަގު ފަހިކޮށްދިނުމަށް އިންޑިއާ ސަރުކާރުގެ ކިބައިން ވަނީ އެދިފައެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން، އިންޑިއާގައި ހަރަކާތްތެރިވާ ކޮރެއާގެ ކުންފުނިތަކަށް ކަސްޓަމްސްއާ ގުޅުންހުރި ކަންކަމުގައި ދިމާވެފައިވާ ބައެއް މައްސަލަތަކުގެ މައުލޫމާތު ކޭސީއެސްއިން ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ތަމްރީނު ޕްރޮގްރާމްތަކާ މެދުވެސް ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.

ކޭސީއެސްގެ ޑިރެކްޓަރ ޖެނެރަލް ފޯ އިންޓަނޭޝަނަލް އެފެއާޒް، ހާން މިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، "އިންޑިއާއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ކޮރެއާގެ މުހިންމު ބައިވެރިއަކަށް ވުމާއެކު، އިންޑިއާއަށް މުދާ އެކްސްޕޯޓުކުރަން ބޭނުންވާ ކޮރެއާގެ ކުންފުނިތަކަށް ދިމާވާ ހުރަސްތައް ނައްތާލުމަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައި" ކަމަށެވެ. (ޔޮންހަޕް)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!