ދުނިޔެ

އިންޑިއާއާއި ޖަޕާނުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ނިއުދިއްލީ – އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބުރާސްފަތި ދުވަހު ދެ ގައުމުގެ ދިފާއީ ވަޒީރުން ބޭއްވެވި ބައްދަލުވުމަކަށްފަހު، ކަނޑުގެ ސަލާމަތީ ކަންކަން ހިމެނޭހެން، އިންޑިއާއާއި ޖަޕާނުގެ ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ޖަޕާނުގެ ދިފާއީ ވަޒީރު ޝިންޖީރޯ ކޮއިޒުމީއާއި އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ވަނީ މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދަވައި، ކަނޑުމަތީގެ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.

އިންޑިއާއާއި ޖަޕާނަކީ އެމެރިކާއާއި އޮސްޓްރޭލިއާއާއެކު އުފައްދާފައިވާ ސަލާމަތީ އިއްތިހާދު "ކުއާޑް" ގެ މެމްބަރު ދެ ގައުމެވެ. މި އިއްތިހާދަކީ އިންޑިއާ ކަނޑާއި އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފުޅާވަމުންދާތީ، އެކަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، "މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދެއް ގާއިމުކުރުމަށްޓަކައި ދިފާއީ ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ވަޒީރުން ވެސް ތިއްބެވީ ސާބިތުކަމާއެކު" ކަމަށެވެ. އަދި މިފަދަ އެއްބާރުލުމަކީ ހަމައެކަނި ޖަޕާނާއި އިންޑިއާއަށް މުހިންމު ކަމެއް ނޫން ކަމަށާއި، މިއީ މުޅި ސަރަހައްދަށާއި ބައިނަލްއަގުވާމީ މުޖުތަމައުއަށް ވެސް ނުހަނު ބޭނުންތެރި ކަމެއްކަމަށް ވަޒީރުން ފާހަގަކުރެއްވިއެވެ.

އިންޑިއާގެ އަމިއްލަ އަސްކަރީ އުފެއްދުންތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޖަޕާނުގެ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ނިއުދިއްލީން ދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. މިގޮތުން، "މޭކް އިން އިންޑިއާ" ޕްރޮގްރާމްގެ ދަށުން އިންޑިއާގެ އުފެއްދުންތެރިކަމުގެ ގާބިލުކަމާއި ޓޯކިޔޯގެ ޓެކްނޮލޮޖީގެ ތަޖުރިބާ ގުޅުވާލައިގެން، ކަނޑުގެ އަސްކަރީ އުޅަނދުފަހަރު ބިނާކުރުމާއި ފަރުމާކުރުމުގެ މަސައްކަތް ގުޅިގެން ކުރިއަށްގެންދިއުމަށް ދެ ގައުމުން ވިސްނަންޖެހޭކަމަށް ދެ ވަޒީރުން ވިދާޅުވިއެވެ.

ކޮއިޒުމީ މި ދަތުރުފުޅު ކުރައްވާފައިމިވަނީ، މިދިޔަ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެމަނިކުފާނުގެ ކައުންޓަރޕާޓް ޖަޕާނުގެ ސަނައޭ ޓަކައިޗީއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގައި، ޗައިނާގެ ކޮންޓްރޯލް ބޮޑުވެފައިވާ 'ކްރިޓިކަލް މިނަރަލްސް' ނުވަތަ މުހިންމު މައުދަންތަކުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

އެ ބައްދަލުވުމަށްފަހު ޓަކައިޗީ ވަނީ، ޖަޕާނާއި އިންޑިއާއަށް "އިގުތިސާދު ހަތިޔާރަކަށް ހެދުމާއި، މިނިވަން ބާޒާރާ ބީރައްޓެހި ސިޔާސަތުތަކާއި އުސޫލުތައް" ފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަމުގެ އިންޒާރު ދެއްވާފައެވެ.

މޯދީއާއި ޓަކައިޗީގެ ބައްދަލުވުމާ ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، ބައިނަލްއަގުވާމީ ގުޅުންތަކަކީ "ތިންވަނަ ފަރާތެއްގެ މަސްލަހަތަށް ގެއްލުންދޭ ނުވަތަ އަމާޒުކުރާ ކަމަކަށް ވެގެން ނުވާނެ" ކަމަށެވެ. އަދި އެއީ ވަކި ބަޔަކު އެކަހެރިކޮށްގެން ގްރޫޕްތައް ހެދުމަށް ނުވަތަ ކުރިމަތިލުންތަކަށް ހިތްވަރުދިނުމަށް ބޭނުންކުރާ ބަހަނާއަކަށް ވެސް ވެގެން ނުވާނެ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!