ދުނިޔެ

ސިޔާސީ އިދިކޮޅު ފަރާތްތައް ޝަރީޢަތަކާނުލައި ދިގު މުއްދަތަކަށް ބަންދުކުރުން ހުއްޓާލުމަށް އެޗްއާރުޑަބްލިޔުއިން ބަންގްލަދޭޝްއަށް ގޮވާލައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ އަވާމީ ލީގާ ގުޅުންހުރި ސިޔާސީ ފަރާތްތަކާއި އެހެނިހެން މީހުންގެ މައްޗަށް އެއްވެސް ކުށެއްގެ ދައުވާއެއް ނުކޮށް، ދިގު މުއްދަތަކަށް ބަންދުގައި ބައިތިއްބާ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިޔު) އިން ބަންގްލަދޭޝް ސަރުކާރަށް ގޮވާލައިފިއެވެ. އެ ޖަމާޢަތުން ބުނެފައިވަނީ އެތައް ސަތޭކަ ބަޔަކު އަދިވެސް ތިބީ އެއްވެސް ކުށެއް ސާބިތުނުވެ ޖަލުގައެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ހަފްތާތަކަކަށް ދެމިގެންދިޔަ މުޒާހަރާތަކަށްފަހު، ބޮޑުވަޒީރުކަމުން ޝެއިޚް ޙަސީނާ އިސްތިއުފާދެއްވަން މަޖުބޫރުވެވަޑައިގަތުމާ ގުޅިގެން، އަވާމީ ލީގުގެ އެތައް ހާސް އޮފިޝަލުންނާއި، އެކްޓިވިސްޓުން އަދި ސަޕޯޓަރުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން އެތައް ސަތޭކަ ބަޔަކު އަދިވެސް ތިބީ ބަންދުގައެވެ.

ޙަސީނާގެ ސަރުކާރުގައި އިންސާނީ ޙައްޤުތަކާ ޚިލާފު ބޮޑެތި އަމަލުތަކެއް ހިންގުމުގައި ބައެއް ކުރީގެ އޮފިޝަލުން ބައިވެރިވެފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެޗްއާރުޑަބްލިޔުއިން ޤަބޫލުކުރެއެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން މަރާލިކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ ފެންނަން އޮތް އެކަށީގެންވާ ހެއްކެއް ނެތިކަމަށް އެ ޖަމާޢަތުން ބުނެއެވެ.

ބަންދުގައި ތިބި މީހުންގެ ޢާއިލާތަކާއި ޤާނޫނީ ވަކީލުންނާ ޙަވާލާދީ އެޗްއާރުޑަބްލިޔުއިން ބުނެފައިވަނީ، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނަށް ކަފާލާތުގެ ދަށުން ދޫކުރުމާއި އެކަށީގެންވާ ސިއްޙީ ފަރުވާ ފަދަ އަސާސީ ޙައްޤުތަކުން މަޙްރޫމްކޮށްފައިވާ ކަމަށެވެ.

އެ ޖަމާޢަތުން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޮޑުވަޒީރު ތޯރިޤް ރަޙްމާން ވެރިކަމާ ޙަވާލުވެވަޑައިގަތް ފަހުން، އެއްވެސް ކުށެއްގެ ދައުވާއެއް އުފުލިފައިނުވާ އަވާމީ ލީގުގެ އިސް 10 އޮފިޝަލަކު ވަނީ ޖަލުގައި ނިޔާވެފައެވެ.

އެޗްއާރުޑަބްލިޔުގެ އޭޝިއާ ޑިރެކްޓަރު އިލެއިން ޕިއަރސަން ވިދާޅުވީ، "އެކި ސަރުކާރުތަކުގެ ދަށުން، އިދިކޮޅު އެތައް ސަތޭކަ މެމްބަރުންނެއް އެއްވެސް ހެއްކަކާނުލައި އަދި އިންސާފުވެރި ޝަރީޢަތަކާނުލައި ޖަލަށްލާފައިވޭ" ކަމަށެވެ. އަދި ސިޔާސީ އިދިކޮޅު ފަރާތްތައް އެއްވެސް ހަމަޔަކާއި އުސޫލެއްނެތި ދިގު މުއްދަތަކަށް ބަންދުގައި ބޭތިއްބުން ނިމުމަކަށް ގެނައުމަށް އޭނާ ސަރުކާރަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ހުށަހަޅާފައިވާ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަންގެ ބިލަށް ފާޑުކިޔަމުން އެ ޖަމާޢަތުން ބުނީ، މިހާރު އޮތް ގޮތަށް އެ ބިލު ފާސްކޮށްފިނަމަ، ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރާ މައްސަލަތައް ތަޙުޤީޤުކުރުމަށް އައު ކޮމިޝަނަށް ހުރަސްއެޅޭނެ ކަމަށެވެ.

އެއްވެސް ދައުވާއެއް ނުކޮށް ބަންދުކޮށްފައިވާ މީހުންގެ ތެރޭގައި އަވާމީ ލީގުގެ ކުރީގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި، ޙަސީނާގެ ސަރުކާރަށް ތާއީދުކުރި ކުރީގެ މެންބަރުންނާއި، އެކްޓިވިސްޓުންނާއި، އޮފިޝަލުން އަދި ނޫސްވެރިން ހިމެނޭކަމަށް އެޗްއާރުޑަބްލިޔުއިން ބުނެއެވެ. ސަލާމަތީ ބާރުތަކުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީޢަތަކާނުލައި މީހުން މެރުމާއި، އަނިޔާކުރުމާއި، ގަދަކަމުން މީހުން ގެއްލުވާލުން ފަދަ ބައިނަލްއަޤްވާމީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭއިރު، އަނެއްބައި މީހުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެއެވެ.

އެޗްއާރުޑަބްލިޔުއިން ބުނާ ގޮތުގައި، އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ މައްސަލަތަކުގައި ވެސް ކަފާލާތުގެ ދަށުން ދޫކުރުމަށް ޕްރޮސެކިއުޓަރުން އަންނަނީ ތަކުރާރުކޮށް ދެކޮޅުހަދަމުންނެވެ. އަދި ދަށު ކޯޓުތަކުން ކަފާލާތުގެ ހުށަހެޅުންތައް އަބަދުވެސް ބާތިލުކުރަމުންދާއިރު، ހައިކޯޓުން ދޫކުރުމަށް އަމުރުކުރާ ޙާލަތްތަކުގައި، އައު މައްސަލަތަކެއް އުފަންކޮށްގެން ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ އަމުރުތަކަށް ހުރަސްއަޅަމުންނެވެ.

މިކަމުގެ މިސާލެއްގެ ގޮތުން އެ ޖަމާޢަތުން ފާހަގަކޮށްފައިވަނީ، 2025 ވަނަ އަހަރުގެ ޖުލައި މަހު މުޒާހަރާކުރި މީހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އުއްތަމަ ފަނޑިޔާރު އޭބީއެމް ޚައިރުލް ޙައްޤު (82 އަހަރު) ގެ މައްސަލައެވެ. އޭގެ ފަހުން ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭ ގޮތަށް އިތުރު ހަތަރު މައްސަލައެއްގައި އޭނާ ހައްޔަރުކުރިއެވެ. ހައިކޯޓުން ކަފާލާތުގެ ދަށުން ދޫކުރުމަށް އަމުރުކުރި ނަމަވެސް، ފުލުހުން ވަނީ އޭނާ ދޫކުރުމަށް ހުރަސްއެޅުމުގެ ގޮތުން ތަކުރާރުކޮށް އައު މައްސަލަތަކެއް ހުށަހަޅާފައެވެ.

އެޕެލޭޓް ޑިވިޝަނުން މެދުވެރިވެގެން ޙައްޤު މިނިވަންކޮށްފައިވަނީ އޮގަސްޓް 19 ގައެވެ. އެޗްއާރުޑަބްލިޔުއިން ބުނި ގޮތުގައި އެ މުއްދަތުގެ ތެރޭގައި އޭނާގެ މައްޗަށް އެއްވެސް ކުށެއްގެ ދައުވާއެއް އުފުލާފައެއް ނުވެއެވެ.

އެހެން ބަންދުމީހުންގެ ޤާނޫނީ ވަކީލުން އެޗްއާރުޑަބްލިޔުއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ކަފާލާތުގެ ދަށުން ދޫކޮށްލައިފިނަމަ ފުލުހުން އައު މައްސަލަތަކެއް ހުށަހަޅާފާނެތީ، ކަފާލާތަށް ނޭދުމަށް މިހާރު އެ މީހުންގެ ކްލައިންޓުންނަށް ލަފާދެއެވެ.

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން މީހުން ދިގު މުއްދަތަކަށް ބަންދުގައި ބައިތިއްބާ މައްސަލައިގައި ވެސް އެޗްއާރުޑަބްލިޔުއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޓްރައިބިއުނަލުން 160 އަށްވުރެ ގިނަ މީހުން އެއްވެސް މީހަކަށް ކަފާލާތުގެ ޙައްޤު ނުދީ ބަންދުކޮށްފައިވާއިރު، ކަފާލާތް ނުދިނުމުން އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ޙައްޤު ވެސް ބަންދުމީހުންނަށް ނޯވެއެވެ.

ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ މުޝީރު ތައުފީޤް-އީ-އިލާހީ ޗައުދަރީ (81 އަހަރު)، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހައްޔަރުކުރި ފަހުން 22 މަސް ދުވަސް ވަންދެން އެއްވެސް ދައުވާއަކާނުލައި ބަންދުގައި ބަހައްޓާފައިވާކަމަށް އެޗްއާރުޑަބްލިޔުއިން ބުނެއެވެ. 2026 ވަނަ އަހަރުގެ އޭޕްރީލް މަހު އޭނާ ކަފާލާތަށް އެދުމުން، ޓްރައިބިއުނަލުން ކަފާލާތް ދީފައެއް ނުވެއެވެ. އަދި އެއް އަހަރަށްވުރެ ގިނަ ދުވަހު ބަންދުގައި ބަހައްޓަންޖެހޭ ފަދަ "ޚާއްޞަ ޙާލަތެއް" އޮތްކަން ވެސް ބަޔާންކޮށްދީފައެއް ނުވެއެވެ.

ކުރީގެ މަޖިލިސް މެންބަރު ކަމާލް އަޙްމަދު މަޖުމްދާރް (75 އަހަރު) ވެސް ވަނީ 22 މަސް ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. އޭނާގެ ޢާއިލާއިން ބުނި ގޮތުގައި އޭނާގެ ފައިގައި ގެންގްރީން އުފެދުމުގެ ސަބަބުން ފައިގެ ތިން އިނގިލި ބުރިކޮށްލަން ޖެހުނެވެ. އަދި ފަހުން ވެއްޓި އޭނާގެ އުނަގަނޑުގެ ކަށިގަނޑު ވަނީ ބިނދިފައެވެ. ޖުލައި މަހު ޓްރައިބިއުނަލުން ވަނީ އޭނާގެ ކަފާލާތުގެ ހުށަހެޅުން ބާތިލުކޮށްފައެވެ.

މީގެ އިތުރުން، ބަންދުގައި ތިބި އެހެން ބައެއް މީހުންގެ ސިއްޙީ ޙާލަތަށް ވެސް އެ ޖަމާޢަތުން އަލިއަޅުވާލާފައިވެއެވެ. މީގެ ތެރޭގައި ދާއިމީ ބަލިތަކެއް ތަޙައްމަލުކުރަމުންދާ އަދި ފުރޮޅުލީ ގޮނޑީގެ އެހީތެރިކަން ބޭނުންވާ ޝަހްރިޔާރު ކަބީރު (75 އަހަރު) އާއި، ހިތުގެ ބޮޑެތި މައްސަލަތަކެއް ހުރި އާރްއޭއެމް އޮބައިދުލް މުޤްތާދިރު ޗައުދަރީ (71 އަހަރު) ހިމެނެއެވެ.

އެޗްއާރުޑަބްލިޔުއިން ބުނީ، އަވާމީ ލީގުގެ ކުރީގެ މެންބަރެއް ކަމަށްވާ ރަމޭޝް ޗަންދްރާ ސެން (85 އަހަރު)، 2026 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ބަންދުގައި ހުއްޓާ ނިޔާވެފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު، މީހުން މެރުމުގެ ތިން މައްސަލައަކާއި ގޮވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ. އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ އާއި ކަފާލާތުގެ ޙައްޤު ނުދޭކަމަށް އޭނާގެ ޢާއިލާއިން ތުހުމަތުކުރެއެވެ.

ޖަމާލްޕޫރު ޑިސްޓްރިކްޓްގެ އަވާމީ ލީގުގެ މެންބަރު އެސްއެމް ޒިޔާދުލް ޙައްޤު ޒިޔާ (65 އަހަރު) ޖެނުއަރީ 6 ވަނަ ދުވަހު ހައްޔަރުކުރިއިރު ވެސް އޭނާގެ ސިއްޙީ ޙާލަތު ދަށެވެ. އެޗްއާރުޑަބްލިޔުއިން ބުނި ގޮތުގައި އޭނާ ނިޔާވީ ކަފާލާތް ނުދީ ހުއްޓާ އޭޕްރީލް 14 ވަނަ ދުވަހުއެވެ.

އެ ޖަމާޢަތުން ފާހަގަކުރި ގޮތުގައި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުގެ ދަށުން ބައެއް ޙާލަތްތަކުގައި ޝަރީޢަތުގެ ކުރިން ބަންދުކުރުމުގެ ހުއްދަ އޮތް ނަމަވެސް، އެއީ އާންމު އުސޫލުގެ ބަދަލުގައި އިސްތިސްނާ ޙާލަތްތަކުގައި ކުރަންޖެހޭ ކަމެކެވެ. އަދި ބަންދުކުރެވޭ ކޮންމެ މީހެއްގެ ބަންދުގެ ޤާނޫނީ ޞައްޙަކަމާއި މުހިންމުކަން ވަކިން ފަނޑިޔާރަކު މުރާޖަޢާކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

ޕިއަރސަން ވިދާޅުވީ، "އެއްވެސް ދައުވާއެއް އުފުލުމުގެ ކުރިން އުމުރުން ދުވަސްވީ މީހުން ބަންދުގައި ތިބެ މަރުވުމަށް ދޫކޮށްލާ ޢަދުލުއިންޞާފުގެ ނިޒާމެއްގައި، ޝަރީޢަތުގެ ކުރިން ބަންދުކުރުމަކީ އިސްތިސްނާ ފިޔަވަޅެއްގެ ގޮތުގައި ނުބެލެވޭ" ކަމަށެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވާ ހުރިހާ މައްސަލަތަކެއް މިނިވަންކަމާއެކު ތަޙުޤީޤުކުރުމަށާއި، ދައުވާއެއް ނެތި އެއްވެސް ހަމައެއްނެތި ދިގު މުއްދަތަކަށް މީހުން ބަންދުކުރުން ހުއްޓާލުމަށް އޭނާ ބަންގްލަދޭޝް ސަރުކާރަށް ގޮވާލެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!