ޚަބަރު

ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް ވޯލްޑް ބޭންކާ އެކު މަޝްވަރާކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ވޯލްޑް ބޭންކުގެ އިސްވެރިން މިއަދު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން /ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ކުރަންޖެހޭ ބޮޑު ޚަރަދު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ބޭނުން ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ވޯލްޑް ބޭންކުގެ އިސްވެރިން މިއަދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ، ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް މިއަދު ހެނދުނު ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ބޭރުން އެތެރެކުރާ ފޮސިލް ފިއުލް ނުވަތަ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ދެމެހެއްޓެނިވި އަދި އަތްފޯރާ ފަށުގައި ހަކަތައިގެ ނިޒާމުތައް ޤާއިމުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

ހަކަތައިގެ ދާއިރާގެ އިތުރުން، ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށާއި، ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ވެސް ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. ރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބޭންކުން މެދުކެނޑުމެއްނެތި ދެމުންގެންދާ އެހީތެރިކަމަށް ރައީސް ޝުކުރުއަދާކުރެއްވިއިރު، ނައިބު ރައީސް ޒުޓް ވަނީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މެދުކެނޑުމެއްނެތި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ ޤައުމުގެ ދުރު ރާސްތާގެ އަމާޒުތަކާ ގުޅޭގޮތަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ މަޝްރޫޢުތައް ކާމިޔާބުކަމާ އެކު ހިންގުމުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން ވަރަށް މުހިންމުކަން ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ފާއިތުވި އަހަރު އެކަނިވެސް ތެޔޮ ގަތުމަށް 10 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފައެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާތީއާއި، 2028ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިންފްލޭޝަން ހަތަރެއް އިންސައްތައަށްވުރެ މަތީގައި ހުންނާނެކަމަށް ލަފާކުރެވޭތީ، ޑޮލަރުގެ ތާށިކަން ބޮޑުވެ ފޮރިން އެކްސްޗޭންޖަށް އޮތް ޕްރެޝަރު އިތުރުވާނެކަމުގެ އިންޒާރު ވޯލްޑް ބޭންކުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ވަނީ ދީފައެވެ.