އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޗައިނާއާ އެކު މަޝްވަރާތަކެއް ބާއްވައިފި
އިޤްތިޞާދީ ގޮތުން ދެ ޤައުމަށް ފައިދާހުރި ކަންތައްތަކެއް ހާސިލުކުރުމަށްޓަކައި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީ.ޕީ.ސީ)ގެ އިސް ވަފުދަކުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މި ވަފުދުން ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި އިސްކޮށް ހުންނެވީ، ސީ.ޕީ.ސީގެ ސެންޓްރަލް ކޮމިޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓުގެ ދަށުން މަސައްކަތްކުރާ ބިއުރޯ ފޯ ސައުތުއީސްޓް އެންޑް ސައުތު އޭޝިއަން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ޕެންގް ޒިއުބިންއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީގެ ރޮނގުން ދެފަރާތަށް ވެސް މަންފާކުރަނިވި ގޮތްތަކެއްގެ މަތިން އެއްބާރުލުން އިތުރުކުރުމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕެންގް ޒިއުބިން ވަނީ، ދިވެހިރާއްޖެއާއި ޗައިނާގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްގޮތް ވިސްނުންތަކާއި ތާރީޚީ ގުޅުމަކީ ދެ ޤައުމުގެ ބަދަހިކަމުގެ އަސާސްކަން ފާހަގަކުރައްވާފައެވެ. ހަމައެއާ އެކު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޤައުމުގެ ކުރިއެރުމަށާއި އިޞްލާޙީ ބަދަލުތަކަށް ދެއްވާ އިސްކަމަށް ތަޢުރީފުކުރައްވައި، މިއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއްކަމުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ފަހުގެ ތާރީޚެއްގައި ދެ ޤައުމުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ބޭއްވެމުންދާ ބައްދަލުވުންތަކުގެ ސަބަބުން މި ގުޅުން އައު ހަރުފަތަކަށް ގޮސްފައިވާކަން އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ވަފުދުގެ ވާހަކަފުޅުތަކަށް ފަހު ރައީސް ޑރ. މުޢިއްޒު ވަނީ، ޗައިނާއިން އަބަދުވެސް ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވެދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ ފުރިހަމަ ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ދަށުން، ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔާއި ޢުމްރާނީ ތަރައްޤީއަށް ޗައިނާއިން ލިބެމުންދާ މެދުނުކެނޑޭ އެއްބާރުލުން އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.