ޚަބަރު

ސައުދީއިން އުފެއްދި މެރިޓައިމް ޑިފެންސް ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އަދަން ކަނޑާއި ރަތް ކަނޑު އަދި ބާބުލްމަންދިބް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދޭ ހަމަލާތަކާ ގުޅިގެން ސައުދީން ތެޔޮ އެކްސްޕޯޓްކުރުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެހެންވެ ހޫތީންނާ ދެކޮޅަށް ސައުދީން ވަނީ އިސްލާމީ އެކި ގައުމުތަކާއެކު މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންއެއް އެކުލަވާލައިފައެެވެ.

އެ ކޯލިޝަންގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިިދިޔަ މަހު ރުހިން ދީފައިވާ އިރު އެ ކޯލިޝަންގައި ބައިވެރިވާން ސޮއިކުރީ މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

އެ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދުގައި އޮތް ގާތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިވެހިރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން އަދާ ކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.