ޗައިނާގެ އިންފްލުއެންސަރަކު 150،000 ޑޮލަރުގެ ފޭކު އެހީއެއް ދިންކަން ފަޅާއަރައިފި؛ ރެޑް ކްރޮސްއަށް ލިބުނީ އެންމެ 15 ސެންޓު
ޗައިނާގައި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް 1 މިލިއަން ޔުއާން (150،000 އެމެރިކާ ޑޮލަރު) ހަދިޔާކުރިކަމަށް ބުނެ ސޯޝަލް މީޑިއާ އިންފްލުއެންސަރަކު ހެދި ދޮގު ފަޅާއަރައި، އޭނާއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ރެޑް ކްރޮސް އިން ހާމަކޮށްފައިވާ ގޮތުގައި އެހީގެ ގޮތުގައި އޭނާގެ ފަރާތުން ލިބިފައިވަނީ އެންމެ 15 ސެންޓެވެ.
ޖުލައި މަހުން ފެށިގެން ތޫފާންތަކާ ގުޅިގެން ޗައިނާގެ ދެކުނުގައި އޮންނަ ގުއަންގްޝީ ޖުއާންގް އޮޓޮނޮމަސް ރީޖަންއަށް ވަނީ ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ކާރިސާގައި 159 މީހުން މަރުވެފައިވާކަމަށް އެ ސަރަހައްދުގެ ރިޕޯޓުތައް ބުނެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު، އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކު ވަނީ "ރެޑްނޯޓް" ޕްލެޓްފޯމުގައި ހަރަކާތްތެރިވާ "އަންލާން" ނަމަކަށް ކިޔާ އިންފްލުއެންސަރަކު، ގުއަންގްޝީއަށް އެހީވިކަމުގެ ރަސީދު ފޯޖުކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި އޭނާ ހަދާފައިވާ ފޭކު ރަސީދުގެ ސްކްރީންޝޮޓްތައް މީސްމީޑިއާގެ އެކި ޕޯސްޓުތަކުގެ ކޮމެންޓް ސެކްޝަންތަކުގައި ވަނީ އާންމުކޮށްފައެވެ.
އަމިއްލަ މަޝްހޫރުކަން ހޯދުމުގެ ބޭނުމުގައި އާންމު އެހީތެރިކަމުގެ ހަރަކާތެއްގެ ނާޖާއިޒު ފައިދާ ނަގައި، އެހީގެ ލިޔެކިޔުންތައް ފޯޖުކުރިކަން ސާބިތުވެއްޖެނަމަ، މި އިންފްލުއެންސަރާ ދެކޮޅަށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.