ސްޓެލްކޯގެ ދަށަށް ކަރަންޓުގެ ހިދުމަތް ބަދަލުކުރާ ރަށްތަކުގެ ހާލަތު ދެނެގަންނަން ސާވޭތައް ފަށައިފި
ސްޓެލްކޯގެ ދަށަށް ކަރަންޓުގެ ހިދުމަތް ބަދަލުކުރާ ރަށްތަކުގެ ހާލަތު ދެނެގަންނަން ސާވޭތައް ފަށައިފިއެވެ.
ރާއްޖޭގެ ރަށްތަކުގައި މިހާރު ކަރަންޓުގެ ހިދުމަތް ދެމުންދަނީ ސްޓެލްކޯއާއި ފެނަކައިންއެވެ. ނަމަވެސް ބޮޑެތި މައްސަލަތަކުގެ ތެރޭގައި އޮތް ފެނަކަ އުވާލަން ސަރުކާރުން މިހާރު ނިންމައިފައެވެ. އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.
އެއާއެކު ދެން ރާއްޖެގައި ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސްޓެލްކޯއިންއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ރައީސްގެ އެ ނިންމެވުމާ ގުޅިގެން އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމުގެ ސާވޭތައް މިހާރު ކުރަމުންދާ ކަމަށެވެ.
އެގޮތުން، ސްޓެލްކޯގެ ޓީމުތަކުން މިހާރު އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ހިދުމަތްތަކުގެ ސާވޭގެ މަސައްކަތްތައް ފުރިހަމަކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ވެސް ގިނަ އަދަދެއްގެ ރަށްތަކުގެ ކަރަންޓުގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން އޮތީ މަސައްކަތް ފަށައިފައެވެ.
އެގޮތުން މިދިޔަ އޭޕްރީލް މަހު ސްޓެލްކޯއިން ވަނީ ބ، ޅ އަދި މ އަތޮޅުގައި ހިމެނޭ 25ރަށުގައި ފެނަކައިން ދެމުން އައި ކަރަންޓުގެ ހިދުމަތް ވެސް އެ ކުންފުނީގެ ދަށަށް ބަދަލުކުރަން ފެނަކައާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މ. އަތޮޅުގެ ހަތް ރަށަކުން ދޭ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން މިދިޔަ ޖޫން މަހު ސޮއިކޮށްފައިވެއެވެ.