ޚަބަރު

ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓް / ފޮޓޯ: ޕީއެސްއެމް

ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ އަހުމަދު ނައީމް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. ނަމަވެސް އެއީ ކުޑަކުދިންގެ މަސްލަހަތާ ގުޅުންހުރި މައްސަލައަކަށްވާތީ އެއީ ކޮން ރަށަކަށް ނިސްބަތްވާ މީހެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މައްސަލައިގެ ހުލާސާ ރިޕޯޓްވެސް އާންމުކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން ނައީމްގެ މައްޗަށް ތިން ދައުވާއެއް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ދެ ދައުވާއާއި ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ކުޑަކުއްޖަކަށް ދެއްކުމުގެ ދައުވާއެވެ.

ނަމަވެސް އޭގެ ތެރެއިން ސާބިތުވީ ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ކުޑަކުއްޖަކަށް ދެއްކުމުގެ ދައުވާ އެކަންޏެވެ. އަދި ގްރޫމް ކުރުމުގެ ދެ ދައުވާ އެކަށީގެންވާ ވަރަށް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.