މާލޭ ހާބަރު ސަރަޙައްދު ތަރައްޤީކުރުމަށް ފުޑްކޯޓުތައް ހުސްކުރަން އަންގައިފި
މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހިންގަމުން އަންނަ ފުޑްކޯޓުތައް ހުރި ބިން، އިތުރު ތަރައްޤީގެ އައު މަޝްރޫޢަކަށް ބޭނުންވާތީ، 90 ދުވަހުގެ ތެރޭގައި އެތަންތަން ހުސްކުރުމަށް އަންގައިފިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ފުޑްކޯޓުތައް ހިންގާ ފަރާތްތަކަށް ފޮނުވި ލިޔުމުގައި ބަޔާންކޮށްފައި ވަނީ، 2022ވަނަ އަހަރުގެ އޮކްޓޫބަރު 15ގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ 14ވަނަ މާއްދާގެ (ހ)ގެ ދަށުން، ނޯޓިސް ލިބޭތާ ތިން މަސްދުވަހުގެ ތެރޭގައި ތަން ހުސްކުރަންޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ތަންތަން ހަވާލުކުރުމުން އެއްބަސްވުން ބާތިލުވާނެ ކަމަށާއި، ނުދައްކާ ހުރި ކުއްޔާއި މަރާމާތުގެ ފީއެއްވާނަމަ، އެ ފައިސާ ދައްކާނެގޮތުގެ ތަފުސީލުތައް ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން ފޯރުކޮށްދޭނެކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ދައުލަތުގެ ވިޔަފާރި ކުންފުނިން 32 މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ހެދި މި ފުޑްކޯޓުތަކަކީ 26 ޔުނިޓެއް ހިމެނޭހެން ތަފާތު ބޮޑުމިނުގެ ޖާގަތަކާ އެކު ތަރައްޤީކުރި ތަނެކެވެ. މާލޭގެ ދެކުނު ހާބަރު ސަރަޙައްދު ކުރިން އޮތް ގޮތް ބަދަލުކޮށް، ޒަމާނީ ފެންވަރަށް އެ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ 2016ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ކުންފުނިން މަސައްކަތް ނިންމައި، 2018ވަނަ އަހަރުގެ މޭ މަހު ޚިދުމަތް ދޭން ފަށާފައިވާއިރު، އެތަންތަން ރަސްމީކޮށް ހުޅުވާފައި ވަނީ ހަމަ އެ އަހަރުގެ ޖުލައި 23ގައެވެ.