ޚަބަރު

ކިލޯއަކަށް ވުރެ ގިނަ ޑުރަގާ އެކު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 30 ދުވަސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖުތަކަކާ އެކު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި މަހުގެ ދެވަނަ ދުވަހު އެ މައްސަލައިގައި ހައްޔަރުކުރީ ކ. ހުރާ/ސާނީވިލާ، ހުސައިން ޝާވިން (26އ.)އާއި ތ. ތިމަރަފުށި/ ވިލާ، މަރްޔަމް އިޝާ އަޝްރަފް(21އ.)ގެ އިތުރުން ސ. ހުޅުދޫ/ރޭޝަމް، މުހައްމަދު ނާހިލް(25އ.)އެވެ. އޭރު އެ ތިން މީހުން ބަންދުކުރީ 15 ދުވަހަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ ތިން މީހުންގެ ބަންދަށް ވެސް އިތުރު 30 ދުވަސް ވަނީ ޖަހައިފައެވެ. އެ ތިން މީހުންގެ ކުޑަކަމުދާ ތަކެތި ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

އެ މީހުން ހައްޔަރުކުރި ތަނުން 1.7 ކިލޯގެ ޑްރަގާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ 230 ވޭޕް ކާޓްރިޖް އަދި 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ފެނުނެވެ.