ޚަބަރު

ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކޮށް 341 ބައިވެރިން ދަސްވެނިވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކޮށް 341 ބައިވެރިން ދަސްވެނިވުން / ފޮޓޯ: ޕީއެސްއެމް

ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ކާމިޔާބުކަމާ އެކު ފުރިހަމަކޮށް، 341 ޒުވާނުން ދަސްވެނިވެއްޖެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ. މެއި މަހުގެ 17ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގައި ރާއްޖޭގެ 112 ރަށަކުން 352 ކެޑޭޓުން ބައިވެރިވިނަމަވެސް، ތަމްރީނުތައް އެއްކޮށް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައި ވަނީ 279 ފިރިހެން ބައިވެރިންނާއި 62 އަންހެން ބައިވެރިންނެވެ. މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި ޝަރަފުގެ ހިނގާލުން ވެސް ވަނީ ބާއްވާފައެވެ.

ތަމްރީނު ފުރިހަމަކުރި ފަރާތްތަކަށް ވަނީ ގިނަ ސަނަދުތަކެއް ޙަވާލުކޮށްފައެވެ. އޭގެ ތެރޭގައި، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ސެޓްފިކެޓާއި، ސެޓްފިކެޓް 3އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ލިޔުން ހިމެނެއެވެ. މީގެ އިތުރުން، މި ބެޗުން ހޮވާލެވޭ ފަރާތްތަކަށް ބ. ކިހާދޫ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުން ފަންނީ ތަމްރީނު ހޯދުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، 4ވަނަ ބެޗުގެ ތަމްރީނުތައް ފެށުމަށް މިހާރު އަންނަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ފެށި މި ޤައުމީ ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާނުންގެ ކިބައިގައި އިސްލާމީ ރިވެތި އުސޫލުތަކާއި، ޤައުމިއްޔަތުގެ ރޫޙު އަށަގެންނެވުމެވެ. މިހާތަނަށް ކުރިއަށްދިޔަ ދެ ބެޗުންވެސް ކޮންމެ ބެޗަކުން 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މި ތަމްރީނުތަކުގައި ބައިވެރިންނަށް ދީނީ ތަޢުލީމާއި، ޒިންމާދާރުކަމާއި، ލީޑަރޝިޕްގެ ހުނަރުތަކުގެ އިތުރުން، ހަށިހެޔޮކަމާއި، ފަސްޓް އެއިޑް، އަލިފާން ނިއްވުން، އަދި އަސްކަރީ ބައެއް އަސާސީ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.