ޚަބަރު

ތިޖޫރީއެއް ފަޅާލައި، 3 ލައްކަ ރުފިޔާއާއި 10 ހާސް ޑޮލަރު ވަގަށްނެގި ދެ މީހަކު ޖަލަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކްރިމިނަލް ކޯޓް / ފޮޓޯ: ޕީއެސްއެމް

މާލޭގެ ގެއެއްގެ ވެރިފަރާތް ޢުމްރާގެ އަޅުކަމަށް ގޮސްލައި، އެ ގޭގެ ތިޖޫރީ ފަޅާލައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާއާއި އެމެރިކާ ޑޮލަރު ވަގަށްނެގިކަން ސާބިތުވެ، ދެ މީހަކު ގާތްގަނޑަކަށް ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ، މ. ކޮޅުފުށީ އާހިޔާ، މުޙައްމަދު ފިރުނާސްގެ އިތުރުން މ. ދިއްގަރު އަޒުމް، އަޙްމަދު އަސްޢަދުގެ މައްޗަށެވެ. 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހުގެ ރޭގަނޑު ދަންވަރު ހިނގި މި ހާދިސާގައި، މި ދެމީހުންވަނީ މާލޭގެ މ. ގެދަ ގޭގެ ދިހަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ މައިދޮރާއި ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެފައެވެ. އަދި ކޮޓަރީގެ އަލަމާރީގައި ބަހައްޓާފައި ހުރި ތިޖޫރީ ހަލާކުކޮށްލުމަށް ފަހު، 300،000 ދިވެހި ރުފިޔާއާއި 10،000 ޑޮލަރު އެމީހުން ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލަ ތަޙުޤީޤުގެ ތެރެއިން ފުލުހުން ފިރުނާސް ހައްޔަރުކޮށްފައި ވަނީ ގެސްޓްހައުސްއެއްގައި ފިލައިގެން އުޅެނިކޮށެވެ. އޭނާ ހުރި ކޮޓަރި ބަލައި ފާސްކުރިއިރު، ފާޚާނާގެ ސީލިންގު މަތީގައި ފޮރުވާފައިހުރި ދެ ލައްކައެއްހާ ދިވެހި ރުފިޔާއާއި 10،000 ޑޮލަރު ފުލުހުން ވަނީ ހޯދައިފައެވެ.

މި ޢަމަލާ ގުޅިގެން ފިރުނާސްގެ މައްޗަށް ދައުލަތުން ކުރި ތިން ދަޢުވާއެއް ވަނީ ސާބިތުވެފައެވެ. އެއީ ވައްކަން ކުރުމާއި، ހުއްދަ ނެތް ތަނަކަށް ވަނުމުގެ އިތުރުން މީހެއްގެ މުދަލަށް ގެއްލުންދިނުމުގެ ކުށެވެ. ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، ވައްކަމުގެ ކުށުގައި 6 މަހާއި 15 ދުވަސް، ހުއްދަ ނެތި ވަނުމުގެ ކުށުގައި 2 މަހާއި 12 ދުވަސް، އަދި މުދަލަށް ގެއްލުންދިން ކުށުގައި 9 ދުވަހުގެ ޖަލު އަދަބެއް އޭނާ ތަންފީޛުކުރަން ޖެހޭނެކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، މި ޖަރީމާގައި ބައިވެރިވި އަސްޢަދުގެ މައްޗަށް ސާބިތުވީ ވައްކަމުގައި ބައިވެރިވުމާއި ހުއްދަ ނެތް ތަނަކަށް ވަނުމުގެ ކުށެވެ. އޭނާއަކީ ކުރިން ވެސް ވައްކަމުގެ ރެކޯޑު އޮތް ފަރާތަކަށް ވުމާ އެކު، ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބު ބޮޑުކުރެވުނެވެ. ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމަށް ފަހު، އަސްޢަދު ތަންފީޛުކުރަން ޖެހޭނީ ވައްކަމުގައި ބައިވެރިވި ކަމުގެ ކުށަށް 1 އަހަރާއި 10 މަސް ދުވަސް އަދި ހުއްދަ ނެތި ވަނުމުގެ ކުށަށް 3 މަސްދުވަހުގެ ޖަލު ޙުކުމެކެވެ.

ގާޒީ މުޒައްމިލު ނާޞިރު ބައްލަވައި ނިންމެވި މި މައްސަލައިގެ ޙުކުމް އިއްވަމުން ވިދާޅުވެފައި ވަނީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ސީސީޓީވީ މަންޒަރުތަކާއި، ވީޑިއޯ ތަޙުލީލު ރިޕޯޓުތަކުގެ އިތުރުން ފުލުހުންގެ ބަޔާންތަކަށް ބިނާކޮށް، އެއްވެސް ޝައްކެއް ނެތް މިންވަރަށް މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.