ނަފްސާނީ އެހީތެރިކަމަށް ހިލޭ ގުޅޭ ނަންބަރެއް ތައާރަފްކޮށްފި
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އެކި ކަހަލަ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުންގެ ކައުންސެލިން ހިދުމަތްތަކަށް ހާއްސަ ހިލޭ ގުޅޭ ނަންބަރު (ޓޯލް-ފްރީ ލައިން) "1456" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ކޮންމެ ޒުވާނަކަށް ވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާ އެކު އެއް ފުރާޅެއްގެ ދަށުން ކައުންސެލިންއާއި، ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުން ކަމަށެވެ.
އެ ހޮޓްލައިން މެދުވެރިކޮށް ޒުވާނުންނަށް ލިބިގެންދާނެ މުހިންމު ހިދުމަތްތަކުގެ ތެރޭގައި:
- ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސެލިންގެ ހިދުމަތް
- ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި އިރުޝާދު
- ނަފްސާނީ ކުއްލި އެހީތެރިކަން
- ސިއްހީ ސްކްރީނިންގެ ހިދުމަތްތައް
- ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް
ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން މި ހިދުމަތް ލިބިގެންދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރުފަހު 2:00އާ ދެމެދު 1456އަށް ގުޅައިގެން މި ހިދުމަތްތައް ހިލޭ ހޯދޭނެއެވެ.
