ޚަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 8000ވުރެ ގިނަ ދަރިވަރުންނާ އެކު އޯލެވެލް އިމްތިހާނު ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ,

މިއަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިހާނުތައް، އަށްހާހަށްވުރެ ގިނަ ދަރިވަރުންގެ ބައިވެރިވުމާ އެކު ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ގިނަ ސެންޓަރުތަކެއްގައި މިއަދު ފަށައިފިއެވެ.

ތަޢުލީމީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ނޮވެންބަރު 12ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި އިމްތިހާނުތަކުގެ ތެރެއިން އައިޖީސީއެސްއީގައި 8111 ކުދިން އިށީންނައިރު، އެސްއެސްސީ އިމްތިހާނު ހަދަނީ 7776 ކުދިންނެވެ. މިއަދު އެންމެ ފުރަތަމަ ފަށާފައިވަނީ އެސްއެސްސީގެ ދިވެހި މާއްދާގެ ކަރުދާހުންނެވެ.

ވެރިރަށް މާލޭގެ ސަރަހައްދުގައި 3222 ދަރިވަރުން 25 އިމްތިހާނު މަރުކަޒެއްގައި ބައިވެރިވާއިރު، އަތޮޅުތެރޭގެ 242 މަރުކަޒެއްގައި 2869 ދަރިވަރުން ދަނީ އިމްތިހާނުތަކުގައި އަމަލީގޮތުން ބައިވެރިވަމުންނެވެ.

މި މުހިންމު އިމްތިހާނުތަކާ ގުޅުވައިގެން ދަރިވަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވަނީ ފަރުޟު ފަސް ނަމާދު ގާއިމުކުރުމަށް ސަމާލުކަންދީ، މާތްﷲގެ ހަޟްރަތުން ކާމިޔާބީއަށް އެދި ގިނަގިނައިން ދުޢާކުރުމަށް ހުރިހާ ކުދިންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ތަޢުލީމީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ، އޯލެވެލްގެ މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންގެ ފީ ސަރުކާރުން ހަމަޖައްސައިދޭގޮތަށް ނިންމެވި ނިންމެވުމެވެ. ހަމައެއާ އެކު، ދިރާސީ އަހަރު ފެށޭ ދުވަސްވަރު ޖެނުއަރީ މަހަށް ބަދަލުކޮށް، އަހަރުގެ ފަހުކޮޅު ބޮޑު ޗުއްޓީ ލިބޭގޮތަށް ދިރާސީ ކަލަންޑަރު ވެސް ވަނީ އަލުން ތަރުތީބުކުރައްވާފައެވެ.