ޚަބަރު

އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލުކުރެއްވުމަށް ނައިބު ރައީސް ނިއުޔޯކަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރޭގެ ވަގުތެއްގައި އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މުހިންމު ދަތުރުފުޅުގެ ތެރެއިން އެކި ގައުމުތަކުގެ އިސް ލީޑަރުންނާއެކު ދޭދޭ މަޝްވަރާތައް ބޭއްވުމަށާއި، ބައިނަލްއަގުވާމީ އެކިއެކި ފަރާތްތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ސެޝަންތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އދ. ގެ މައި މާލަމުގައި ރާއްޖޭގެ ރަސްމީ ބަޔާން އިއްވަވައިދެއް ވާނީ ވެސް ނައިބު ރައީސް ކަމުގައި އެ އޮފީހުން ހާމަކުރައްވައެވެ.

ހަމައެއާ އެކު، އާންމު މަޖިލީހުގެ ބަހުސް ފެށުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތުގެ އިތުރުން، އެ ބައްދަލުވުމާ ގުޅިގެން ކުރިއަށްދާ އެހެނިހެން ހަރަކާތްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅު ފުރިހަމަކުރެއްވުމަށް ފަހު ނައިބު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަ ވާނީ އަންނަ ހޮނިހިރު ދުވަހު (މި މަހުގެ 26 ވަނަ ދުވަހު) ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.