ޚަބަރު

ޑޮލަރުތަކަކާ އެކު އެއަރޕޯޓުން އަތުލައިގަތް ބިދޭސީންގެ ބަންދަށް 10 ދުވަސް ޖަހައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް، ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ގެންދަން އުޅުނު ހަ ބިދޭސީއަކު މި މަހުގެ 18ވަނަ ދުވަހު އަތުލައިގަނެ، މަނީ ލޯންޑަރިންގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މި ފައިސާތައް ފުލުހުން ހޯދާފައި ވަނީ، ގަވާއިދާ ޚިލާފަށް ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފުލުހުންގެ ޚާއްޞަ ޓާސްކް ފޯހަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން މަސައްކަތްކުރަނިކޮށެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި އަތުލައިގަނެވުނު ފައިސާގެ ތެރޭގައި ދުނިޔޭގެ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، އޭގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 އިނގިރޭސި ޕައުންޑް ހުރިކަން ފާހަގަކުރެވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 3،861،415.29 ރުފިޔާއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަ ފިރިހެނުންނެވެ. އެއީ މުޙައްމަދު މައިނުއްދީން ސަލާހު (35އ)، ރަޖިބް (31އ)، މުޙައްމަދު ޢަބްދުﷲ (38އ)، އަޖްގަރު މިރިދާ (37އ)، އެމްޑީ މޮހިއްދީން ޗޯދުރީ (28އ) އަދި އެމްޑީ ޝާހިން މިއާ (46އ) އެވެ. މި ހުރިހާ ފަރާތްތަކުގެ މައްޗަށް ވެސް ފުލުހުން ކުރަނީ ކަޅު ފައިސާ ދޮވުމުގެ (މަނީ ލޯންޑަރިން) ކުށުގެ ތުހުމަތެވެ. ކޯޓަށް ހާޒިރުކުރުމުން، ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ހިނގި ގޮތުގެ ރިޕޯޓަށް ރިއާޔަތްކޮށް، މައްސަލައިގައި ހިމެނޭ އެންމެން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު މަޖިލީހުގައި މި އެންމެން ވެސް ވަނީ ފެނުނު ފައިސާއަކީ އެމީހުންނާ އެއްވެސް ގުޅުމެއްވާ އެއްޗެއް ނޫންކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފައެވެ. މައިނުއްދީން، މޮހިއްދީން އަދި މުޙައްމަދު ޢަބްދުﷲ ބުނެފައި ވަނީ އެއަރޕޯޓަށް ދިޔައީ ބަޔަކު ފުރުވުމަށާއި މީހަކާ ހަވާލުވުމަށް ކަމަށެވެ. އަނެއްކޮޅުން ރަޖިބް އާއި ޝަހީން މިއާ ބުނީ، ފައިސާ ފެނުނު ލަގެޖާއި ޕާރުސަލްތަކަކީ އަޖްގަރު މިރިދާއާ ހަވާލުކުރަން ގެންދިޔަ ތަކެތި ކަމަށާއި އޭގައި ހުރީ ކޯއްޗެއްކަން ނޭނގޭ ކަމަށެވެ. މީގެ އިތުރުން އަޖްގަރު ބުނެފައި ވަނީ އެއީ ފުރަން ގޮސް ހުއްޓައި، ނުދަންނަ މީހަކު އެހީތެރިކަމަށް އެދުމުން ހަވާލުވި ލަގެޖެއްކަމަށެވެ.

ރާއްޖޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަނެތި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. އެގޮތުން، މިފަދަ ފަރާތްތަކުގެ މައުލޫމާތު 9388733އަށް ވައިބަރ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މިގޮތަށް މައުލޫމާތުދޭ ފަރާތްތަކުގެ ވަނަވަރު ސިއްރުކޮށްދޭނެކަމުގެ ޔަގީންކަން ފުލުހުން ދީފައިވާއިރު، އެފަދަ ފަރާތްތަކުން ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.