ޚަބަރު

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރަން ހާއްސަ ޕްރޮގްރާމެއް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެންސީ

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރަން ހާއްސަ ޕްރޮގްރާމެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ފަށައިފިއެވެ.

ލ. ގަމުގައި ފެށި އެ ޕްރޮގްރާމްއަކީ ފަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

އެޗްއާރުސީއެމްއިން ބުނީ އެ  ޕްރޮގްރާމަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެޗް.އާރް.ސީ.އެމް އަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއާއި، މި ކޮމިޝަނުގެ "ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ"އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030ގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އަދި  އެ ޕްރޮގްރާމް ބިނާވެފައިވަނީ މިފަދަ ފަރާތްތައް ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ "ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް"ގެ މައްޗަށް ކަމަށް ވެސް ބުންޏެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ގިނަ ދާއިރާތަކަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިސިލް ބްލޯވަރު ގާނޫނަށާއި، ޖިންސީ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ތަމްރީންތަކުގެ އިތުރުން ފުލުހުންނަށް އަމާޒުކޮށްގެން އެންޓި ޓޯޗާ ސެޝަންތަކާއި، އަންހެނުންނާއި ޖަމްއިއްޔާތަކަށް ހާއްސަ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.