ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއާ ނުވަތަ އަލަށް އުފަންވާ، ހާއްސަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި ސިއްހީ ގޮތުން އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ހަރުދަނާކުރުމަށްޓަކައި ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ތަމްރީނުކޮށް، ފަންނީ ގޮތުން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.
ސާޖިދާ އެފަދައިން ގޮވާލެއްވީ "ނިއޯކެއަރ 2026-ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް"ފެށުމުގެ ގޮތުން މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ ނިއޯނޭޓަލް ކެއާގެ ހިދުމަތް ރަނގަޅުކުރުމަށް ހާއްސަ ވަސީލަތްތަކާއި، ޒަމާނީ އާލާތްތަކާއި، އަލަށް ވުޖޫދުވެގެން އަންނަ މެޑިކަލް ޓެކްނޮލޮޖީ މުހިންމުވީ ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި، ސިއްހީ ހިދުމަތްތެރިން ކަމަށެވެ.
އެގޮތުން މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ޞިއްޙީ ފަންނީ ބޭފުޅަކަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ނިއޯނޭޓަލް ޔުނިޓަކުން ކުރިއަރާފައިވާ އާލާތްތައް ލިބެން ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށްކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ސިއްހީ ދާއިރާގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު ފަންނީ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ސިއްހީ ހިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، ހާއްސަ ތައުލީމާއި، މެންޓާޝިޕް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެކަމަނާ ގޮވާލެއްވިއެވެ.
ރާއްޖޭގައި ނިއޯނޭޓަލް ކެއާގެ ހިދުމަތް ހަރުދަނާކުރުމަށާއި ކަންކަން ނިންމުމުގައި މަގުދައްކައިދިނުމަށް، ރާއްޖެއާ ގުޅޭ ޑޭޓާއާއި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއާވާލެއްވިއެވެ.
އެކުއްޖަކު ނިސްބަތްވާ ރަށަކަށް ނުވަތަ ހާލަތަކަށް ބެލުމެއްނެތި، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް، އެއް ފެންވަރެއްގެ ފަރުވާއެއް ލިބެންޖެހޭނެކަމަށް އެކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އާއިލާތަކަށް ދިމާވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިންގެ ފަންނީ ގާބިލުކަމާއި، އެބޭފުޅުންގެ ކިބައިގައިވާ ފަރުވާތެރިކަމާއި އޯގާތެރިކަމަށް އެކަމަނާ ތަޢުރީފުކުރެއްވިއެވެ.