ޚަބަރު

ސޯސަންމަގު އެކްސިޑެންޓު: އަނިޔާވި އަންހެން މީހާގެ ޙާލު ސީރިއަސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
Screenshot

މާލޭގެ ސޯސަންމަގުގައި އިއްޔެ ރޭ ދަންވަރު ދެ ސައިކަލެއް މުޑިއަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބުނު އުމުރުން 26 އަހަރުގެ އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ އަންހެން މީހާގެ ހާލަތު ވަރަށް ސީރިއަސްއެވެ. ނަމަވެސް ބަލިމީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތަށް އިއްޔެ ރޭ 01:13 ހާއިރު ރިޕޯޓުކޮށްފައިވާ މި ހާދިސާގައި އެ އަންހެން މީހާގެ އިތުރުން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ދެ ޒުވާނުންނަށް ފަރުވާދެމުން ގެންދަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓަށް ފަހު އަންހެން މީހާ މަގުމައްޗަށް ވެއްޓިފައި އޮތްއިރު ބޮލުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔައެވެ. އަދި އޭނާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތްކަން ވެސް އެ މަންޒަރުތަކުން ފާހަގަކުރެވެއެވެ. މީގެ އިތުރުން، އެ ތަނުގައި ތިބި ދެ ފިރިހެނުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ވީޑިއޯއިން ފެނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ޒުވާނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނީ ހުއްދަ (ލައިސަންސް) އޮންނަ ފަރާތެއް ނޫނެވެ. މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފުލުހުންގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، ހިނގަމުންމިދާ އަހަރުގެ މިހާތަނަށް 2،100 އަށްވުރެ ގިނަ އެކްސިޑެންޓް ވަނީ ރިޕޯޓުކުރެވިފައެވެ.