ދެ ބޯޓު ބުރިޖުގައި ޖެހުނު މައްސަލަ ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަނީ
މި މަހުގެ މަހުގެ 10ވަނަ ދުވަހުގެ ރޭ އޮޔާ ގޮސް ސިނާމަލެ ބުރިޖުގައި ދެ ބޯޓު ޖެހުނު މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބަަލަން ނިންމައިފިއެވެ.
އެ ހާދިސާގައި ބުރިޖުގައި ޖެހުނީ ރާއްޖެއަށް ވަގަށް ވަދެ އުޅެނިކޮށް ހިފަހައްޓައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެކެވެ. އެ ހާދިސާއާ ގުޅިގެން ބުރިޖު ބިނާކުރި ޗައިނާގެ ސެެކަންޑް ހާބާ އިންޖިނިއަރިން ކުންފުނީގެ އިންޖިނިއަރުން އިންސްޕެކްޝަންސްތައް ވެސް ހެދިއެވެ. ނަމަވެސް ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވާކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެންއައިސީއިން މިއަދު ބުނީ އެ މައްސަލައިގައި ކަސްޓަމްސްއިން ގާނޫނާއި ގަވައިދާއި އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ބަލަން އެ ކޮމިޝަންއިން އިސްނަގައި ތަހުގީގުކުރަން ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އެ ހާދިސާ ކާރިސާއަކަށް ވެގެން ނުދިޔައީ ހަމަ ކިރިޔާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެފަދަ ހާދިސާތައް ކުރިއަށް އޮތް ތަނުގައި ހިނގުން ހުއްޓަން މަސައްކަތް ކުރާނެ ކަމަށާއި އަދި އެކަމަށްޓަކައި ކޯސްޓު ގާޑާ ގުޅިގެން އިމެޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ހަދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ބުރިޖުގެ ދަތުރުފަތުރަށް އެއްވެސް ބުރުމެއް އައިސްފައެއް ނުވެއެވެ.