ފޭސް 2ގެ އެޕާޓްމަންޓެއް ބަލައި، ފާސްކޮށް ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފި
ފޭސް 2ގެ އެޕާޓްމަންޓެއް ބަލައި، ފާސްކޮށް ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ މި ސެޕްޓެމްބަރު 21ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި، މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށް، އެ މީހުން ދުއްވި ސައިކަލާއި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ، އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖްއާއި ނެނޯ ސްޓިކްގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.