އިމާމުންނާއި ޚަޠީބުންގެ ރަސްމީ ހެދުން ހުންނަން ވާނީ ދިވެހި ސަޤާފަތާ ގުޅޭގޮތަށް: ވަޒީރު ޝަހީމް
އިމާމުންނާއި ޚަޠީބުންގެ ރަސްމީ ހެދުން ހުންނަންވާނީ ދިވެހި ސަޤާފަތާ ގުޅޭގޮތަށް ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން މީސްމީޑިއާގައި މަޢުލޫމާތު ޙިއްޞާކުރައްވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި އައު ފޭރާންކޮޅާއި ތާކިހާ ފަރުމާކުރުމުގައި ބޮޑަށް ބުރަވާނީ ރާއްޖޭގެ އާސާރީ ތަރިކަތަކުގެ މައްޗަށެވެ. އެގޮތުން މާލޭ ހުކުރު މިސްކިތުގެ މުންނާރާއި، ހިރިގަލުގެ ކުރެހުންތަކުގެ އިތުރުން ދިވެހިން ވިޔެ އުޅުނު ތުނޑުކުނަލުގެ ފަތްވަތްތަކުން ޚިޔާލު ހޯދައިގެން މި ހެދުން ފަރުމާކުރާއިރު، ދިވެހި އިސްލާމީ ޙަޟާރަތުގެ އަސަރުތައް ފުރިހަމައަށް ފެންނަން ހުންނާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު މީސްމީޑިއާގައި ހިއްސާކުރެއްވި ފޮޓޯ---
މި މަޝްރޫޢު މިހާރު އޮތީ ފުރަތަމަ މަރުޙަލާގައި ކަމަށް ވުމާ އެކު، އާންމުންގެ ޚިޔާލާއި މަޝްވަރާ މިކަމުގައި ބޭނުންވާކަމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. ގިނަ ބައެއްގެ ޚިޔާލާ އެކު ފުރިހަމަ ނަތީޖާއެއް ނެރުމަށް މަސައްކަތްކުރައްވާއިރު، މިއީ ބޭރުގެ އާދަކާދަތަކުގެ ނުފޫޒުން ރާއްޖޭގެ ދީނީ ސަޤާފަތް ރައްކާތެރިކޮށް، ދިވެހިންގެ އަމިއްލަވަންތަކަން ދެމެހެއްޓުމުގެ މަޤުޞަދުގައި ފެށި މުހިންމު މަސައްކަތެކެވެ. ރާއްޖޭގެ ތާރީޚަށް ބަލާއިރު، މީގެ ކުރިން ދުވަހަކު ވެސް އިމާމުންނާއި ޚަޠީބުންނަށް ޚާއްޞަކުރެވިގެން ވަކި ރަސްމީ ފޭރާމެއް ކަނޑައެޅިފައެއް ނުވެއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާ ބޭފުޅުންނާއި ޚުޠުބާ ވިދާޅުވާ ޚަޠީބުންނަށް ޚާއްޞަކޮށްގެން ދިވެހިވަންތަ ސަޤާފަތް ރަމްޒުކޮށްދޭ ރަސްމީ ފޭރާމެއް، އަންނަ ރަމަޟާން މަހުގެ ނިޔަލަށް ތަޢާރަފުކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.