މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ
ހުޅުމާލޭ ފޭސް އެކެއްގައި ވިޔަފާރި އަދި އިޖްތިމާއީ އެކި ހަރަކާތްތަކަށް މިހާރު ބޭނުންކުރަމުން އަންނަ ރުއްގަނޑު 2ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމަށް ހާއްސަކޮށް ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރުމަށް އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމަށެވެ.
އެގޮތުން، އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10ލޭނުގެ ބޯލިން އެލީއަކާއި، ގޭމިން އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖްތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެ ކަމަށް ބުންޏެވެ. އަދި އެއާއެކު، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެފަދަ ގޮތަކަށް އެތަން ތަރައްގީކުރާއިރު، ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިންގ އޭރިއާއެއްވެސް ތަރައްގީކުރާނެކަމަށް އެޗްޑީސީން ބުންޏެވެ.
"މި މަޝްރޫއު ކުރިއަށްގެންދަނީ، އެ ސަރަހައްދުގެ ތިމާވެއްޓާއި، އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި، މާހައުލަށް މާބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންކަން އެޗްޑީސީން ފާހަގަކުރެއެވެ"އެޗްޑީސީން ބުންޏެވެ.
ރުއްގަނޑު 2ސަރަހައްދަށް ގެނެވޭ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކަށާއި، ޒުވާނުންގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ފަތުރުވެރިން އަދި ރަށްރަށުން ޒިޔާރާތްކުރާ އެންމެންނަށްވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމުވެ ހުޅުމާލޭގެ އިޖުތިމާއީ ގުޅުން ވަރުގަދަވެގެންދާނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ.