އައްޑޫ ގަން އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ހޯމަ ދުވަހު އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ ދެ ފަސިންޖަރުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުންގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން 3.3ކިލޯގެ ކެނެބިސް އަތުލައިގަތްކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ މަސްތުވާތަކެތި ފެނުނު އިންޑިއާގެ ދެ މީހުންގެ ވަނަވަރެއް ކަސްޓަމްސްއެއް ހާމައެއް ނުކުރެ އެވެ. އަދި އެއާ ގުޅޭ އިތުރު ތަފްސީލެއް ވެސް ނުދެއެވެ.
ބެލެވޭ ގޮތުން އެ ދެ މީހުންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ އިންޑިއާ މީހުން އިތުރުވެފައިވާ އިރު އިންޑިއާއިން ވަނީ އެކަމާ ގުޅޭ ޓްރެވަލް އެޑްވައިޒަރީއެއްވެސް ނެރެފައެވެ.