ރަސްމާލޭގެ ޕްރޮޕަޓީތައް ވިއްކޭނީ ސަރުކާރުގެ ހުއްދައާ އެކު ފީ ދައްކައިގެން: ވަޒީރު މުއްތަލިބު
އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްޤީކުރާ ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތައް ގަނެވިއްކުމާއި ވާރުތަކުރުމުގެ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ޚާއްޞަ ހުއްދައެއް ހޯދައި، ކަނޑައެޅިފައިވާ ފީއެއް ދައުލަތަށް ދެއްކުމަށްފަހުގައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި މި މަޝްރޫއާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ވަޒީރު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 99 އަހަރަށް ކުއްޔަށްދޭ ތަނެއް ތިންވަނަ ފަރާތަކަށް ވިއްކާލުމުން، ގަންނަ ފަރާތަށް އިތުރު 99 އަހަރު އޮޓޮމެޓިކުން ލިބިގެންދާނެ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި އެތަނުން ޕްރޮޕަޓީއެއް ގަތް ނަމަވެސް، އެ ބިމުގެ އަސްލު މިލްކުވެރި ފަރާތަކީ ދިވެހި ދައުލަތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގަތް ފަރާތް ނިޔާވުމުން އޮޓޮމެޓިކުން ވާރުތަވުމުގެ ބަދަލުގައި، އެކަންވެސް ކުރެވޭނީ ދައުލަތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ފީއެއް ދެއްކުމުން ކަމަށް ޑރ. މުއްތަލިބު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ވެސް ބޭރުގެ ފަރާތްތަކުން ހިންގާ ރިސޯޓުތަކަކީ ވެސް މިފަދައިން ގަނެވިއްކޭ މުދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރަސްމާލެއިން ތަނެއް ގަތުމަކީ ދިވެހިރާއްޖޭގެ ރެސިޑެންޓް ވިސާ އޮޓޮމެޓިކުން ލިބޭނެ ކަމެއް ނޫން ކަމަށެވެ. ވިސާ ދޫކުރުމާއި ބާތިލުކުރުމުގެ ފުރިހަމަ އިހުތިޔާރު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ލިބިދީފައި ވަނީ ހަމައެކަނި މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށާއި، ވިސާ ދޫކުރާނީ އެ އިދާރާއިން ބަލަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރެވޭނީ އިގުތިސާދީ ގޮތުން ފުދުންތެރި، ބޭރުގެ ނުފޫޒުތަކަށް ބޯނުލަނބާ ފަދަ ތަނަވަސް ގައުމަކަށް ރާއްޖެ ވެގެންކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެއަށް އިންވެސްޓްމަންޓްތައް އައިސް މުއްސަނދިވުމަކީ ބޭރުގެ ބާރުތަކުން ބޭނުންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގައުމަށް މިވަގުތު އެންމެ މުހިންމީ ކުރު މުއްދަތެއްގެ ފައިދާއަށްވުރެ، އަންނަން އޮތް ޖީލުތަކަށް އޭގެ މަންފާ ކުރާނެ ދެމެހެއްޓެނިވި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކަމުގައެވެ.