ޚަބަރު

ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ އަންހެނަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓް / ފޮޓޯ: ޕީއެސްއެމް

ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ނިއްކާ ތަމަންގް (47އ)އަދި އީތްރާނީ ގަލެ (41އ)އެވެ.

އެ މައްސަލައިގައި ދެ މީހުންވެސް ތިން ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދުު އަމުރުގައިވާ ގޮތުން ދެ މީހުންގެ ހަށިގަނޑުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނެވެ.އަދި ދެ މީހުންނަށް ވެސް މިހާރު ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އަދި އޭނާގެ ބަންދުގެ މަޖިލިސް ކުރިއަށް ގެންދިޔައީވެސް ޣައިރު ހާޒިރުގަ އެވެ. އަދި ހާލަތު ރަނގަޅުވުމުން ކޯޓަށް ހާޒިރުވާން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދެ މީހުންގެ ހަށިގަނޑުން ފެނުނު މަސްތުވާތަކެތީގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ވެސް ހިމެނެއެވެ.