ޑްރަގުގެ ފަރުވާއަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ތަނުގެ ޖާގައިގެ މައްސަލަ : ސްޓޭޓް މިނިސްޓަރު ސިއްދީގު
ޑްރަގުގެ ފަރުވާއަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ތަނުގެ ޖާގައިގެ މައްސަލަކަމަށް ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރު އަދި ނެޝެނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާޕާސަން އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ސިއްދީގު ވިދާޅުވީ ޑްރަގުގެ ފަރުވާ ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ކ.ހިންމަފުށީގައި ބިންގާ އެޅި ރީހެބްގެ އާ އިމާރާތް ނިމުމާއެކު ފަރުވާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނީ އެންމެ އެކަށީގެންވާ ފުރިހަމަ ފަރުވާ ކަމަށެވެ.
ފައްސަތޭކަ މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގެ މަޝްރޫޢަކީ ފަސް މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. އެ މަޝްރޫއުއަށް ހަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.
އެ އިމާރާތުގެ ބޮަޑުބައި އަޅަން ނިންމާފައި ވަނީ، މިހާރުގެ ހިންމަފުށީގެ ރިހިބިލިޓޭޝަން ސެންޓަރު ހުރި އިމާރާތް ހުރި ހުސް ބިމުގައެވެ.
އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ހިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ހިދުމަތް ލިބެން ހުންނާނެއެވެ.
ހިންމަފުށީގައި މިހާރު އިމާރާތަކީ 174މީހުންނަަަަަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80މީހުންނަށެވެ.