ހުޅުދުއްފާރުގައި ބިނާ ކުރާ މިސްކިތަކަށް އެހީ ހޯދަނީ
ރ. ހުޅުދުއްފާރުގެ ދެކުނު އަވަށުގައި އަމިއްލަ އާއިލާއަކުން އިސްނަގައިގެން ބިނާކުރާ އައު މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައި، ބިންގާ އެޅުން މި މަހުގެ 25ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ. މިއީ އެ ރަށުގައި މީހުން އާބާދުވިތާ 30 އަހަރު ވެފައިވާ ސަރަހައްދެއްގައި، ދާދިފަހުން ނިޔާވި އުމުރުން 90 އަހަރުގެ ބައްޕައެއްގެ އެންމެ ފަހުގެ ވަޞިއްޔަތް ފުއްދުމަށްޓަކައި އެ ޢާއިލާއިން ކުރިއަށްގެންދާ މަތިވެރި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ފެށުމަކީ ދީނީ ކަންކަމަށް ލޯބިކުރެއްވި އެ ބައްޕަގެ ނިޔަތެވެ. ނިމިދިޔަ 1447ވަނަ އަހަރުގެ ރަމަޟާން މަހު، އޭނާގެ ސޭވިންގްސްއިން އެއްލައްކަ ރުފިޔާ އަދި އަނބިމީހާގެ ސޭވިންގްސްއިން އެއްލައްކަ ރުފިޔާ މިސްކިތު ފަންޑަކަށް ހަދިޔާކުރަން ދަރިންގެ ކިބައިން އެދުނެވެ. ނަމަވެސް، އެކަން ލަސްވާން ފެށުމުން ކޮންމެ ގޮތަކުން ވިޔަސް އެކަން ކޮށްދިނުމަށް އެދުމުން، ދަރިން ހުށަހެޅީ އަމިއްލައަށް މިސްކިތެއް ބިނާކުރުމަށެވެ. އެކަމަށް ބައްޕަ ހިތްވަރުދީ، ކައުންސިލާއި އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދިތާ މަހެއް ފަހުން އޭނާ ވަނީ ނިޔާވެފައެވެ.
ހުޅުދުއްފާރުގައި އެންމެ ފުރަތަމަ މީހުން އާބާދުވި ދުވަސްވަރު އެކުލަވައިލި ބިން ބޭނުންކުރުމުގެ ޕްލޭންގައި ދެކުނު އަވަށުގައި މިސްކިތެއް އެޅުމަށް ބިމެއް ހާއްސަކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެތަނުގައި މިސްކިތެއް ބިނާކުރެވިފައެއް ނުވެއެވެ. މިހާރު އެއީ ބޮޑު އާބާދީއަކާއި ފެނަކަ ފަދަ މުއައްސަސާތައް ހުރި ސަރަހައްދެކެވެ. މީގެއިތުރުން، ރަށުގެ ދެކުނުކޮޅުގައި އޮންނަ ގަބުރުސްތާނާ ކައިރީގައި ހިނަވާގެއެއް ހުރުމުގެ މުހިންމުކަން ބޮޑުވެފައިވާއިރު، މި މިސްކިތާ އެކު ބަންގީގެ އަޑު އެ ސަރަހައްދަށް އިވިގެންދާނެއެވެ.
އިސްލާމިކް މިނިސްޓްރީން ފާސްކޮށްދީފައިވާ، ހުޅުދުއްފާރު ބޮޑުތަކުރުފާނު މަގާއި ޒިޔާރަތްމަގު ކަންމަތީގައި އޮތް 8,000 އަކަފޫޓުގެ ބިމުގައި ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 250 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހިމެނޭ ތަނެކެވެ. މި އިމާރާތުގައި ނަމާދުކުރާ މައި ހޯލުގެ އިތުރުން، ގުރުއާން ކްލާހަކާއި، ލައިބްރަރީއަކާއި، ހިނަވާގެއަކާއި، އިމާމު ކޮޓަރިއާއި ސްޓޯރޭޖް، ވުޟޫކުރާ ބައި، ފާޚާނާ، ފެންވަޅު، ޕާކިންގ އޭރިއާ އަދި ގޯތިތެރެ ހިމެނޭނެއެވެ.
މި މަޝްރޫއަށް ޖުމްލަ 5,300,000 (ފަސް މިލިއަން ތިންލައްކަ) ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މި ފައިސާ ހޯދުމަށް ހަމަޖެހިފައި ވަނީ ޢާއިލާގެ އަމިއްލަ ޚަރަދާއި ދީލަތި ފަރާތްތަކުގެ އެހީގައެވެ. މިނިސްޓްރީން 19 ފެބްރުއަރީ 2026ގައި ހުއްދަ ދީ، 3 އޭޕްރީލް 2026ގައި ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މި މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަން ޖެހެއެވެ. މިސްކިތުގެ ޤިބްލަ ޖެހުމުގެ މަސައްކަތް 10 ޖުލައި 2026 (25 މުޙައްރަމް 1448)ގައި ނިންމާފައިވާއިރު، ކޮންޓްރެކްޓަރާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 14 އޮގަސްޓް 2026 (1 ރަބީޢުލްއައްވަލް 1448)ގައެވެ.