ޕްރައިވެޓް ކޮލެޖުތަކަށް ޔުނިވަރސިޓީގެ ދަރަޖަ ދިނުމުގެ އައު ޤަވާއިދެއް އެކުލަވާލައިފި
މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން، ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުންނާއި، އެފަދަ މުއައްސަސާތައް ހިންގާނެ އެއްގޮތް މިންގަނޑުތަކެއް ކަނޑައެޅުމަށްޓަކައި "ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ޤަވާއިދު" މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އެކުލަވާލައި އާންމުކޮށްފިއެވެ.
މުޅިން އަލަށް އެކުލަވާލި މި އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ ފުރުޞަތު ލިބޭނީ މެދުކެނޑުމެއްނެތި މަދުވެގެން ފަނަރަ އަހަރު ވަންދެން ކޮލެޖެއްގެ ގޮތުގައި ހިންގަމުން އަންނަ ތަންތަނަށެވެ. މީގެ އިތުރުން، ބެޗެލަރސް އަދި މާސްޓަރސް ފެންވަރުގެ ކޯސްތަކުގައި ތަޢުލީމު ހާސިލުކުރާ މަދުވެގެން އެއްހާސް ދަރިވަރުން އެ މުއައްސަސާއެއްގައި ތިބުމަކީ ވެސް ލާޒިމުކަމެކެވެ. ހަމައެހެންމެ، އެތަނެއްގައި ވަޒީފާއަދާކުރާ ފުލްޓައިމް އެކަޑެމިކް މުވައްޒަފުންގެ ދިހަ އިންސައްތައަކީ ޕީއެޗްޑީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ދިހައެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެކަމަށް ވެސް އައު ޤަވާއިދުގައި ކަނޑައަޅާފައިވެއެވެ.
ބޭރު ޤައުމުތަކުގެ ޔުނިވަރސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކުރާނަމަ، އަމިއްލަ ޤައުމުގައި ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ދިހަ އަހަރު ޚިދުމަތްދީފައިވުމާ އެކު، މަދުވެގެން ތިން ދާއިރާއަކުން ފުރަތަމަ ޑިގްރީން ފެށިގެން މާސްޓަރސްއާ ހަމައަށް ފަސް އަހަރުވަންދެން ކޯސްތައް ހިންގާފައިވުން ޝަރުތުކޮށްފައިވެއެވެ. އަދި ބައިނަލްއަޤުވާމީ ޔުނިވަރސިޓީ ރޭންކިންގއެއްގައި ހިމެނުމާއި، ބައިނަލްއަޤުވާމީ ޖަމާޢަތެއްގައި ފަސް އަހަރު ހޭދަކޮށްފައިވުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ދިރާސާތައް ކުރުމުގެ ތަޖުރިބާ ހުރުމަކީ ވެސް ޔުނިވަރސިޓީގެ ދަރަޖަ ދިނުމުގައި ބަލާނެ މިންގަނޑުތަކެކެވެ.
ޔުނިވަރސިޓީއެއް އުފެއްދުމަށް އެދި ޕްރޮޕޯޒަލް ހުށަހަޅަންޖެހެނީ މަތީ ތަޢުލީމާބެހޭ ވުޒާރާގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް ދިރާސާކުރުމަށްޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ ކޮމިޓީއެއް އުފެއްދުމަށް ޤަވާއިދު ލާޒިމުކުރެއެވެ. އެ ކޮމިޓީގައި ތަޢުލީމީ ދާއިރާގެ ދެ ތަޖުރިބާކާރުންނާއި، މިނިސްޓްރީއާއި އެމްކިއުއޭގެ އިސް ބޭފުޅުންގެ އިތުރުން މާލީ ދާއިރާގެ ތަޖުރިބާކާރަކު ވެސް އިންނަންޖެހޭނެއެވެ. ބޭނުންވެއްޖެ ހިނދެއްގައި އިތުރު މެންބަރުން އައްޔަނުކުރުމުގެ ބާރު ވުޒާރާއަށް އޮންނައިރު، ޕްރޮޕޯޒަލް ލިބޭތާ ތިން މަސްދުވަހުގެ ތެރޭގައި އެސެސްމަންޓް ނިންމައި ގޮތެއް ކަނޑައަޅަންޖެހޭނެކަމަށް ޤަވާއިދުގައި ބަޔާންކުރެއެވެ.
އައު ޤަވާއިދުގެ ދަށުން ޔުނިވަރސިޓީއެއްގެ މައި ކެމްޕަސް ރަޖިސްޓްރީކުރުމަށް ކަނޑައަޅާފައިވާ ފީއަކީ އެއްލައްކަ ރުފިޔާއެވެ. އިތުރު ކެމްޕަހެއް ރަޖިސްޓްރީކުރަން ނުވަތަ އިމާރާތް ބަދަލުކުރަން ފަނަރަހާސް ރުފިޔާ ދައްކަންޖެހޭއިރު، ލަރނިންގ ސެންޓަރަކަށް ތިންހާސް އަދި އައުޓްރީޗް ސެންޓަރަކަށް ދެހާސް ފައްސަތޭކަ ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަޖިސްޓްރީއަށް ބަދަލެއް ގެންނަނަމަ ފައްސަތޭކަ ރުފިޔާ އަދި ގެއްލިގެން އަލުން ހައްދާނަމަ ދެހާސް ރުފިޔާ ދައްކަންޖެހެއެވެ.
ރަޖިސްޓްރީވުމަށް ފަހު ފުރިހަމަކުރަންޖެހޭ ކަންކަމުގެ ތެރޭގައި، ދެ އަހަރު ދުވަހުގެ ތެރޭގައި ޕީއެޗްޑީ ފެންވަރުގެ މަދުވެގެން އެއް ޕްރޮގްރާމް ފެށުން ހިމެނެއެވެ. މިއީ ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކަށް ޔުނިވަރސިޓީއަކަށް ވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވިގެންދިޔަ ފުރަތަމަ ފަހަރެވެ. މިހާތަނަށް ރާއްޖޭގައި ހިންގަމުން އަންނަނީ ދައުލަތުގެ ދެ ޔުނިވަރސިޓީ ކަމަށްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީ އެކަންޏެވެ.