ޚަބަރު

ހަތް ރަށެއްގައި އައުޓްޑޯ ޖިމްތައް އަޅައި ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހަތް ރަށެއްގައި އައުޓްޑޯ ޖިމްތައް އެޗްޑީސީއިން އަޅައި ނިންމައިފިއެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ، ރިޔާސީ ވައުދުފުޅު ފުޅެކެވެ.

އެޗްޑީސީއިން ބުނީ އެ ވައުދުފުޅާ އެއްގޮތަށް ހަތް ރަށެއްގައި ތަރައްގީކުރަމުން ދިޔަ އައުޓްޑޯ ޖިމްތައް މިހާރު ނިންމާލައިފައިވަ ކަމަށެވެ.

އަދި އެ މަޝްރޫއުގެ ދަށުން، ގާއިމުކުރާ އެ ޖިމްތަކުގައި ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ އިކުއިޕްމަންޓްތައް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ޖިމް ގާއިމުކޮށް ނިމުނު ހަތް ރަށަކީ.

  • އއ. ފެރިދޫ.
  • އއ. އުކުޅަސް.
  • އދ. ދިގުރަށް.
  • އދ. ފެންފުށި.
  • އދ. މާމިގިލި.
  • އދ. މަންދޫ.
  • ބ. ގޮއިދޫ.

އެޗްޑީސީން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ނުނިމި ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމާލުމަށް ކަމަށެވެ.

"އެޗްޑީސީގެ އަމާޒަކީ، ކުންފުނީގެ ސީއެސްއާރުގެ ދަށުން، ދިވެހި މުޖްތަމައުއަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫއުތައް ވެސް މުސްތަގުބަލުގައި ކުރިއަށްގެންދިއުމެވެ. މިކުންފުނިން މިހާރު ވެސް ވަނީ ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގާފައެވެ"އެޗްޑީސީން ބުންޏެވެ.