ދިރުވާލައިގެން މަސްތުވާތަކެތި އެތެެރެކުރި ނޭޕާލް ދެ އަންހެނުން 30 ދުވަހަށް ބަންދުކޮށްފި
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެެރެކުރި ނޭޕާލް ދެ އަންހެނުން 30ދުވަހަށް ބަންދުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ނިއްކާ ތަމަންގް (47އ)އަދި އީތްރާނީ ގަލެ (41އ)އެވެ.
އެ ދެ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތީ ކޯޓަށް ހާޒިރުނުކޮށް ޣައިރު ހާޒިރުގައި އިއްޔެ ވަނީ ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފައެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން ދެ މީހުން ވެސް ތަރުޖަމާނަކާ އެކީ ކޯޓަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ. އަދި އެ ދެ މީހުންގެ ބަންދަށް ވެސް 30ދުވަސް މިހާރު ވަނީ ޖަހައިދީފައެވެ.
އެ ދެ މީހުން ބޮޑުކަމު ދިޔައިރު ޖުމްލަ 106ބުލެޓު ފެނުނު އިރު އޭގެ ބަރުދަން 1.3ކިލޯއަށް އަރައެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ބެލެވޭ އަދަދަށް ވުރެ ވެސް މާ ބޮޑު އަދަދެކެވެ. އެހެންކަމުން އެ މައްސަލަ ސާބިތުވެއްޖެނަމަ ބޮޑު ހުކުމެއް އަންނާނެއެވެ.
ފެނުނީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަމެއް ހާމައެއް ނުކުރެއެވެ.
ބަންދު އަމުރުގައިވާ ގޮތުން ދެ މީހުން ވެސް އަދި ވަކީލެއް ހަމަޖައްސައިފައި ނުވާތީ ވަކީލަކު ހަމަޖައްސަން ކުރަން ޖެހޭ ކަންކަން މިހާރު ވަނީ ސާފުކޮށްދީފައެވެ.