ޚަބަރު

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވުމަށް ޑްރޯންއާއި ޒަމާނީ އުޅަނދުތައް ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
"އަހާ" ފޯރަމްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލްކުރުމަށްޓަކައި ޑްރޯންގެ އެހީތެރިކަން ހޯދުމުގެ އިތުރުން، 15 ބުރިއަށް ފޯރާފަދަ ޒަމާނީ އަލިފާން ނިއްވާ އުޅަނދުތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަން ދިފާޢީ، ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ހާމަކުރައްވައިފިއެވެ.

ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި "އަހާ" ފޯރަމްގައި، ހިޔާ ފްލެޓްތައް ފަދަ އާބާދީ ބޮޑު ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުއްލި ހާލަތްތަކުގައި އަވަހަށް ހަރަކާތްތެރިވެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން، ބޮޑެތި އިމާރާތްތަކަށް ހާއްސަކޮށްގެން ގެންނަ ފަޔަރ ޓްރަކްތަކާއި ބައުޒަރުތައް ހޯދުމުގެ އެންމެހާ ކަންކަން މިހާރު އެސްޓީއޯއާ ހަވާލުކުރެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އާ އުޅަނދުތައް ގެނައި ނަމަވެސް، ވެރިރަށް މާލޭގެ މަގުތައް ހަނިވުމުގެ ސަބަބުން އަލިފާން ނިއްވުމުގެ އޮޕަރޭޝަންތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރުންކަމަށް ވިދާޅުވެފައެވެ. އަލިފާން ނިއްވާ ޑްރޯންތައް ރާއްޖެއަށް ތައާރަފުކުރުމަށް ބޭނުންވާ ފަންނީ އެސެސްމަންޓްތައް މިހާރު ނިމިފައިވާއިރު، މިއަހަރުގެ ނިމުމަކާ ހިސާބުގައި ނުވަތަ ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު މި ހިދުމަތް އަމަލީގޮތުން ފެށިގެންދާނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު ދެއްވިއެވެ.

Ads by HDC