ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ހޯދައި ފިޔަވަޅު އަޅާނަން: ވަޒީރު ސަޢީދު
މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ޤަވާއިދާ ޚިލާފަށް އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ މައްސަލަތައް ހާއްސަ ޓީމެއް މެދުވެރިކޮށް ތަހުގީގުކޮށް ފިޔަވަޅު އަޅުއްވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިއުލާނުކުރައްވައިފިއެވެ.
"އަހާ" ފޯރަމްގައި މި މައްސަލައިގެ ތަފްސީލަށް ވަޑައިގަންނަވަމުން ވަޒީރު ވިދާޅުވީ، ވުޒާރާގެ ނިޒާމުގެ ތެރެއިން އެއް ގަރާޖެއްގެ ނަމުގައި ގިނަ އަދަދެއްގެ އުޅަނދުތަކެއް މަކަރާއި ހީލަތުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި މިކަން ސިއްރު ނުކުރައްވާނެކަން ފާހަގަކުރައްވައި، އެފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުންނާއި މިނިވަން މުއައްސަސާތައް ގުޅިގެން މިހާރު ވެސް މަސައްކަތްތަކެއް ފަށާފައިވާކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. މާލެ ސަރަހައްދަކީ ރަޖިސްޓްރީ ކޮންޓްރޯލް ކުރެވިފައިވާ ޒޯނަކަށް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އާންމުންނަށް ދިރިއުޅެން ފަސޭހަ މާހައުލެއް ބިނާކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ސައީދު ވިދާޅުވި ގޮތުގައި، ދުއްވާ އެއްޗެއްސަށް މަގުތަކުގެ 82 އިންސައްތަ ހޭދަވާއިރު، އާންމުން ހިނގާބިނގާވެ އުޅުމަށް ލިބެނީ އެންމެ 18 އިންސައްތައެވެ. މީގެ އިތުރުން، މި ސަރަހައްދުގައި 130،806 އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރޭގައި 115،895 ސައިކަލާއި 14،911 ކާރު ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ބޮޑު ގޮންޖެހުމަކުން އަރައިގަތުމަށް ސަރުކާރުން ވަނީ "މާސް ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން"އެއް އެކުލަވާލާފައެވެ. މި ޕްލޭންގެ ދަށުން މަގުތައް ޒަމާނީކޮށް، ޓްރެފިކް ފުލުހުން އިތުރުކުރުމުގެ އިތުރުން، ބާރުބޮޑުވާ ގަޑިތަކުގައި މުވައްޒަފުންނާއި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ހިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ދުރާލާ ރޭވިގެން، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. މާލޭގައި އިތުރަށް ޖާގަ ނެތުމާ އެކު، އަމިއްލަ އުޅަނދުތައް މަދުކޮށް އާންމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުން ހިފުމަށް ބާރުއެޅުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.
