މަސްތުގެ ހާލުގައި ނުރައްކާތެރިކޮށް ދުއްވި މީހަކު ހައްޔަރުކުރި އިރު 44ހާސް ޓްރެފިކް ޖޫރިމަނާ ނުއްކާ
ސިނަމާލެ ބްރިޖު ހައިވޭ މަތީގައި އާންމުންނަށް ނުރައްކާވާ ފަދަ ގޮތަކަށް ސައިކަލެއް ދުއްވުމަށް ފަހު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރެއްގައި ޖެއްސި އުމުރުން 26 އަހަރުގެ ޒުވާނަކު މަސްތުގެ ހާލަތުގައި ހުއްޓައި އޮކްޓޫބަރު 4ވަނަ ދުވަހު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކ. މާފުށި، ސްނޯސްކައި، އަޙްމަދު ފާރިޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ ދުވަހުގެ ފަތިހު 3:52 ހާއިރު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. ހެލްމެޓް ނުއަޅައި، ސައިކަލު މަތީގައި އޮށޯވެގެން ހުޅުމާލެއިން މާލެއަށް އޭނާ ދަތުރުކުރަމުން ދިޔަ މަންޒަރު ފެނުމުން، މާލޭގެ ޓްރެފިކް ލައިޓަކާ ހިސާބުން އޭނާ ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރިއެވެ. ނަމަވެސް، މަޑުކުރުމުގެ ބަދަލުގައި ބޮޑުތަކުރުފާނު މަގުން އޭނާ ބާރު ސްޕީޑުގައި ދުއްވާފައި ދިޔުމުން ފުލުހުން ފަހަތުން ގޮސް އަތުލައިގަންނަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި އޭނާގެ ސައިކަލުން ވަނީ ޖައްސާފައެވެ.
ކާރަށް ގެއްލުންވުމާ އެކު ސައިކަލު ދޫކޮށްލުމަށް ފަހު ފާރިޒް އެ ސަރަހައްދުން ދުވެފައި ފިލިއެވެ. އެހެންނަމަވެސް، މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންގެ ޓީމަކުން ވަނީ މޫންލައިޓް ހިނގުމުން އޭނާ ހޯދައި، ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މިއީ މީގެކުރިން ވެސް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ އެތައް ފަހަރަކު ހިލާފުވެފައިވާ، ކުށުގެ ބޮޑު ރެކޯޑެއް އޮންނަ ފަރާތެކެވެ. އެގޮތުން، ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 44،000 ރުފިޔާ އޭނާގެ ނަމުގައި އޮތްއިރު، އޭނާ ވަނީ ލައިސަންސް ނެތި އާއި، ވަންވޭއާ ދެކޮޅަށް، އަދި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި މީގެކުރިން ވެސް އުޅަނދު ދުއްވާފައެވެ. އަދި އޭނާގެ ރެކޯޑުތަކުގެ ތެރޭގައި ސައިކަލުގެ ލައިޓުތައް ބަދަލުކޮށްގެން ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި އުޅަނދު ދުއްވުން ވެސް ހިމެނެއެވެ.
ފާރިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.
