ޚަބަރު

މެލޭޝިއާގައި ނިޔާވި ދިވެހި ދަރިވަރުގެ ކަށުނަމާދު މިއަދު އެ ގައުމުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މެލޭޝިއާގައި ދެ ކާރެއް މުޑިއަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓް / ފޮޓޯ: އެމްވީ ކްރައިސިސް

މެލޭޝިއާގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރު، ސ. ހިތަދޫ، މާރިޝް، އާމިނަތު އިމީލީ ނާޒިމްގެ ކަށުނަމާދު މިއަދު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.

ހައިކޮމިޝަނުން ބުނި ގޮތުގައި އިމީލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށް ފަހު، މެލޭޝިއާގެ ސުބަންގް ޖަޔާ ސެލެންގާގައި ހުންނަ މަސްޖިދު އަލްއިރުޝާދުގައެވެ. މި ކަށުނަމާދުގައި އެ ގައުމުގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން ބައިވެރިވެދިނުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.

އިމީލީ ނިޔާވީ މޯލަކަށް ގޮސް އެނބުރި ގެއަށް ދިޔަ މަގުމަތީގައި އޭނާ ދަތުރުކުރި ޓެކްސީ އެކްސިޑެންޓުވުމުގެ ސަބަބުންނެވެ. ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭ 8:48 ހާއިރު، ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ 37 އަހަރުގެ ޓެކްސީ ޑްރައިވަރު ދުއްވި ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް، އާރުއެފްއައިޑީ ލޭނުން ދަތުރުކުރި ޕްރޮޓޯން އެސް70 މަރުކާގެ ކާރެއްގެ ފަހަތުގައި ބާރަށް ޖެހުމުންނެވެ. މި ކުރިމަތިލުމާއެކު ޓެކްސީ މަގުމައްޗަށް އަރިއަޅާލައި ބަންޑުން ޖެހުނު އިރު، ކާރުގެ އެތެރޭގައި ތާށިވި އިމީލީ ވަނީ ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އެތަނަށް ނިޔާވެފައެވެ.

މި ހާދިސާ ހިނގި ވަގުތު ކާރުގައި އިން އަނެއް ދިވެހި ދަރިވަރަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެވެ. ފުލުހުން ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރިއިރު، ޓެކްސީ ދުއްވަން އިން މީހާ ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން ނުވަތަ މެތަށް ޕޮޒިޓިވްވެފައެވެ. އެ މީހާ ހަތަރު ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.

Ads by Ooredoo