ޚަބަރު

ފަސް މިސްކިތެއް ޔުނެސްކޯގެ ތަރިކައިގެ ލިސްޓަށް އެރުމުގެ އުންމީދު އެބައޮތް: ވަޒީރު ހީނާ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
'އަހާ' ފޯރަމްގައި ވަޒީރު ހީނާ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ހުރި އާސާރީ ފަސް ހިރިގާ މިސްކިތެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި 2027ވަނަ އަހަރު ހިމެނިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް، ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި "އަހާ" ފޯރަމްގައި، މީގެ ތޭރަ އަހަރު ކުރިން ފެށިގެން ކުރިއަށްގެންދާ މި މުހިންމު މަސައްކަތުގެ ދަށުން، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ މިސްކިތްތަކުގެ ނަންތައް ޔުނެސްކޯއަށް ހުށަހެޅި، ފާއިތުވި ސެޕްޓެމްބަރު މަހު އެ ޖަމާޢަތުން އެކަން ބަލައިގަނެފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދާދި ފަހުން ޔުނެސްކޯގެ ޚާއްޞަ ވަފުދެއް ރާއްޖެއަށް އައިސް، މިސްކިތްތައް ހުރި ރަށްރަށަށް ގޮސް އެތަންތަން ބަލައި ފާސްކުރުމުގެ އިތުރުން، ރައްޔިތުންނާއި ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާކޮށް އެސެސްމަންޓްގެ މަސައްކަތްތައް ވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 2027ވަނަ އަހަރުގެ ފަހުކޮޅު މި ޝަރަފުވެރި މަގާމު ރާއްޖެއަށް ކަށަވަރުވެގެންދާނެއެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިންގެ ސަގާފީ ތަރިކައިގެ އަގު އުފުލި، އާސާރީ ފަތުރުވެރިކަމަށް ޝައުޤުވެރިވާ ގިނަ ބަޔަކު ރާއްޖެއަށް ޒިޔާރަތްކުރުމަށް މަގުފަހިވެ، އެ ރަށްތަކުގެ އިޤްތިޞާދަށް އޭގެ އެދެވޭ މަންފާ ކުރާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މާދަރީ ބަސް ކުރިއަރުވައި އާލާކުރުމަށްޓަކައި ދައުލަތުން މިހާރު ކުރަމުންގެންދާ ތަފާތު މަސައްކަތްތަކާ ގުޅޭގޮތުން ވެސް މި ފޯރަމްގައި ވަޒީރު ހީނާ ވަނީ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by Ooredoo