ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ 22 އަހަރުގެ ޒުވާނަކު ފުލުހަށް ހާޒިރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ 22 އަހަރުގެ ދިވެހި ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތަށް ހާޒިރުކޮށް ނަސޭހަތްދީފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކޮށްފައިވާ މީހުން ފުލުހަށް ހާޒިރުރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ މީހާ ކަމަށެވެ.

އޭނާގެ ރެކޯޑުތަކުގެ ތެރޭގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ސްޓަންޓް ޖައްސަމުން ދުއްވުމާއި، ޒިގްޒެގްކޮށް ބާރުސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، މޮބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން ހިމެނެއެވެ. މީގެ އިތުރުން، އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުމާއި، އޭނާގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުން ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިފަދައިން ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ކުރަމުންނެވެ.

Ads by Ooredoo