ޚަބަރު

ބަނގުރަލާ އެކު ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

2026 އޮކްޓޫބަރު 12 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރަލާ އެކު ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމް.ޑީ. ރަކިބް ހޮސެން (25އ) ކަމަށެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީން އަދި ޕޮލިން ފަސްދުވަހަށް އަދި އެމް.ޑީ. ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި ފުޅާދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރު މާދޫގެ ބަލައިފާސްކޮށްފައެވެ. މި އޮޕަރޭޝަންގައި 826 ފުޅި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އޮޕަރޭޝަން ހިންގާފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ads by HDC