އާރުޑީސީ ހިންގުން އެމްޓީސީސީގެ އެމްޑީ ސައުދީއާ ހަވާލުކުރައްވައި، ނަޒީމް މަގާމުން ވަކިކޮށްފި
އެމްޓީސީސީއާ އެއްކޮށްލުމަށް ސަރުކާރުން ނިންމަވާފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމް އެ މަގާމުން ވަކިކުރެއްވުމަށް ފަހު، އެ ކުންފުނި ވަގުތީގޮތުން ހިންގުމުގެ ޒިންމާ އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާ ހަވާލުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުން ވެސް ނަޒީމް މިހާރު ވަނީ ދުރުކުރައްވާފައެވެ. އޭނާ ވަކިކުރެއްވުމަށް ފަހު، އާރުޑީސީގެ ކަންކަން ބެލެހެއްޓުން ވަގުތީ ގޮތުން މަތިކޮށްފައިވަނީ ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އަދި މިހާރުގެ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީއާއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމުގެ މަޝްރޫއުތައް ހިންގުމަށް މީގެ ހަ އަހަރު ކުރިން ވުޖޫދަށް ގެނައި އާރުޑީސީ އުވާލަން ސަރުކާރުން ނިންމެވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބޭނުމުގައެވެ. އެގޮތުން، އެއް ބާވަތެއްގެ މަސައްކަތްތަކެއް ކުރާ ކުންފުނިތައް އެއްކޮށްލުމުގެ ސިޔާސަތުގެ ދަށުން، އާރުޑީސީގެ އެންމެހާ އޮޕަރޭޝަންތައް އެމްޓީސީސީގެ ދަށަށް ގެންދިއުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފާއިތުވި ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާ އެކު އެމްޓީސީސީގައި އޮންނަ ސަރުކާރުގެ ހިއްސާ އިތުރުވެ، ދެ ކުންފުނީގެ މަސައްކަތްތައް ވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ. އަދި ކުންފުނިތަކުގެ މަސައްކަތްތައް ހަރުދަނާވުމުގެ އިތުރުން، އެތަންތަނުގައި ތިބި އާދަޔާޚިލާފަށް ގިނަ މުވައްޒަފުންގެ އަދަދު މަދުކުރެވި، މުވައްޒަފުންގެ އޮނިގަނޑު ބޭނުންވާ މިންވަރަށް ހަމަޔަކަށް އެޅިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަގާމުން ވަކިކުރެއްވި ނަޒީމް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތީ ހުސްވި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ ވަނީ މީގެ ކުރިން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމާއި، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ނައިބުކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގައި ވެސް އިސް ސަފުގައި މަސައްކަތްކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންގުޅުއްވާ އިސްލާހީ ސިޔާސަތުގެ ދަށުން އާރުޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއި އެގްރޯނެޓް ވެސް އުވާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު، އެގްރޯނެޓް ހިންގަމުންދާނީ މިފްކޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައެވެ.
