ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ކާބޯތަކެތި އުފެއްދުމަކީ އަމާޒު: ރައީސް
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަނޑައެޅޭ ވަކި ބާވަތްތަކެއް ބޭރުން އެތެރެކުރުން ހުއްޓާލައި، އަމިއްލަ ފަސްގަނޑުގައި އެތަކެތި ހައްދައިގެން ބާޒާރަށް ނެރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޢާންމުކުރެއްވި ޚާއްޞަ މެސެޖެއްގައި، ދުނިޔޭގެ އިޤުތިޞާދަށް އަންނަ ބަދަލުތަކާއި ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވާ ހުރަސްތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އެތައް ގުނައަކަށް އިތުރުކުރުންކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވަނީ މިއީ ޤައުމީ އިސްތިޤުލާލާ ސީދާ ގުޅިފައިވާ ކަމެއްކަން ސިފަކުރައްވާފައެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކޮށް ކުރިއެރުވުމުން ބޭރަށްދާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، އަތޮޅުތެރޭގެ ރަށްރަށުގައި ވަޒީފާގެ އައު ފުރުޞަތުތައް ތަނަވަސްވެގެންދާނެކަން ވެސް ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދިނުމުގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތަޢާރަފުކޮށް، އެ ފަރާތްތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ހަމައެއާ އެކު، މި ދުވަހުގެ އުފާވެރިކަން ފާހަގަކުރައްވައި، ރާއްޖޭގެ އެންމެހާ ދަނޑުވެރިންނަށާއި އެ އާއިލާތަކަށް އަދި މި މަސައްކަތުގައި ޝާމިލުވާ އެންމެންނަށް އެމަނިކުފާނު ވަނީ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
"އީޖާދުން، މާދަމާގެ ދިރުން" މި ޝިޢާރުގެ ދަށުން މިއަހަރު ފާހަގަކުރަމުންދަނީ ރާއްޖޭގެ 17ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މިފަދަ ދުވަހެއް ރަސްމީ ސިފައެއްގައި ފާހަގަކުރަން ފަށާފައިވަނީ 2009ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް މި ދުވަސް އަންނަނީ ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.
