ޚަބަރު

5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫ މީދޫގައި ނާސަރީއެއް ހުޅުވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ ,

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، އައްޑޫ ސިޓީ މީދޫގައި ތަރައްޤީކުރި ގަސްހައްދާ ޚާއްޞަ ނާސަރީ، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި މުހިންމު ނާސަރީ އިފްތިތާޙުކޮށްފައި ވަނީ، ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މީދޫގައި ބޭއްވި ޚާއްޞަ ހަރަކާތްތަކުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރާއި، ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި، އުރީދޫ މޯލްޑިވްސްގެ އިސްވެރިންގެ އިތުރުން މީދޫ ކައުންސިލަރުންނާއި ގިނަ ޢަދަދެއްގެ ދަނޑުވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް، ނެތެމުންދާ ގަސްގަހާގެހި އާލާކުރުމުގެ މަޤްޞަދުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024ވަނަ އަހަރުގެ ތިމާވެށީގެ ދުވަހު ފެއްޓެވި 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ނާސަރީ ހެދުމަށް ސެޕްޓެމްބަރު މަހު ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިން 10 ރަށުގެ ތެރޭގައި މީދޫ ހިމެނެއެވެ. އޮފީސް އިމާރާތަކާ އެކު ހުޅުވި މި ނާސަރީގައި، ދަނޑުވެރިކަމަށް ބޭނުންވާ އާލާތްތައް ވިއްކުމަށް ޚާއްޞަ ފިހާރައެއް ހުރުމުގެ އިތުރުން، އެކި ބާވަތްތަކުގެ ގަސްތައް ގަންނަން ލިބެން ހުންނާނެއެވެ.

މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ސާތިރު ވިދާޅުވިގޮތުގައި، ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި މީދޫއަކީ ނަމޫނާ ރަށަކަށް ހެދުމެވެ. އެގޮތުން، ދަނޑުވެރިކަމަށް ކަނޑައަޅާފައިވާ 3.6 ހެކްޓަރުގެ ބިމުން އެންމެ އެދެވޭ ފައިދާ ނެގުމަށްޓަކައި، މިހާރު 130 ފަރާތަކަށް ބިން ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ނުފަށާ މީހުންގެ އަތުން ބިން ވަކިކޮށް، އެހެން ފަރާތްތަކަށް ފުރުޞަތު ދެއްވާނެކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

މުހިންމު 10 ބާވަތެއްގެ ކާބޯތަކެތި ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންދާކަން ހާމަކުރައްވަމުން، އައު ނާސަރީގެ ސަބަބުން ދަނޑުވެރިންނަށް ގިނަ ފަސޭހަތަކެއް ލިބޭނެކަމަށް ސާތިރު ވިދާޅުވިއެވެ. ރަސްމިއްޔާތަށް ފަހު ވަޒީރު ޝިޔާމް ވަނީ މީދޫގެ ޒުވާން ދަނޑުވެރިން ހައްދާފައިވާ ދަނޑުތަކަށް ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން، އުރީދޫގެ އެހީގައި މަރާމާތުކުރާ "ދަނޑުވެރިންގެ މިސްކިތް" އަލުން ހުޅުވުމާއި، "ގްރޯ ވިތު އުރީދޫ"ގެ ދަށުން ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް މި ހަރަކާތްތަކުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ads by HDC