މާލެ ސަރަހައްދުގައި މުދާއުފުލާ އަދި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ވަކި ގަޑިތަކެއްގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަލަށް ކަނޑައެޅި އުސޫލުގެ ދަށުން ހެނދުނު 6:00އިން 8:30އަށް، 350ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުތައް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން މަނާވާނެއެވެ.
އަދި ހެނދުނު 11:30އިން މެންދުރު 1:30އަށް ވެސް އެފަދަ އުޅަނދުތައް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި ދުއްވުން ދެން މަނާވާނެއެވެ.
މީގެއިތުރުން، ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި، ސްކޫލް ސަރަހައްދުތަކުގައި އެފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި މުދާ އުފުލުންވެސް ވަނީ މަނާކޮށްފައެވެ.
އެ އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
