ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލެވޭނެ ގޮތެއް މަގު ފަހިކޮށްދޭނަން: ރައީސް
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލެވޭނެ ގޮތެއް މަގު ފަހުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ "ރައްޔިތުންގެ އަޑު"ޕްރޮގްރާމްގައި ބައިވެރިވެ ރައީސްއާ ބައްދަލުކުރައްވި ކެލާގެ އަންހެން ބޭފުޅެއް ކަމަށްވާ ހަދީޖާ ރައީސްއަށް ދެންނެވި ދެންނެވުމަކާ ގުޅިގެންނެވެ.
ހަދީޖާ ބުނީ އޭނާގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުންނަ ކަމަށާއި އޭނާ ވަރަށް މޮޅަށް ކުރަހާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ކަހަލަ ކުއްޖަކަށް ރާއްޖޭގައި ހާއްސަ ފުރުސަތުތެއް ނެތް ކަމަށާއި މިއީ ވަރަށް ދެރަވާ ކަމެއް ކަަމަށް ވެސް ހަދީޖާ ބުންޏެވެ.
އެގޮތުން ހަދީޖާ ފާހަގަކުރީ ހުޅުމާލޭގައި ބޭއްވި އާޓް އެގްޒިބިޝަންއިން އޭނާގެ ދަރިފުޅަށް ފުރުސަތު ނުލިބުނު މައްސަލައެވެ.
ހަދީޖާގެ ކަންބޮޑުވުންތައް އައްސަވައި ރައީސް ވިދާޅުވީ ހަމަހަމަ ފުރުސަތުތައް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަވެސް އޮންނަން ޖެހޭނެ ކަމަށެވެ.
"ވަރަށް ބޮޑަށް ބަލައިދޭނަން، ހާއްސަކޮށް ދަރިފުޅުގެ ޓެލެންޓް ކުރިއަށް ގެންދެވޭނެ މަގެއް ފަހިކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން"ރައީސް ވިދާޅުވިއެވެ.
