ޚަބަރު

'އެރައިޒް' މަޝްރޫޢަށް އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އެރައިޒް މަޝްރޫޢަށް އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފަށުން / ފޮޓޯ: ޕީއެސްއެމް

ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތަ ބޭނުންކުރާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ 'އެރައިޒް' މަޝްރޫޢުގެ ދަށުން ގާއިމުކުރާ 15 މެގަވޮޓްގެ ސޯލާ ޕެކޭޖާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާތައް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން 13 ރަށެއްގައި ފަށައިފިއެވެ.

މި މަޝްވަރާތަކުގެ އެންމެ ބޮޑު ބޭނުމަކީ، އިރުގެ އަލިން ކަރަންޓު އުފެއްދުމުން ލިބޭ ފައިދާތަކާއި މި ޕްރޮޖެކްޓުގެ މުހިންމުކަން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމެވެ. ހަމައެއާ އެކު، އާންމުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރާނެ ނިޒާމުތައް ކިޔައިދިނުން ވެސް މި ބައްދަލުވުންތަކުގެ ތެރޭގައި ހިމެނޭކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މި ބޮޑު މަޝްރޫޢުގެ ތެރެއިން ސޯލާ ޕެނަލް ހަރުކުރުމުގެ އިތުރަށް، ރަށްރަށުގެ ކަރަންޓު ނެޓްވޯކްތައް ޒަމާނީކޮށް ފުޅާކުރުމާއި، ބެޓެރީގައި ހަކަތަ ރައްކާކުރާ ނިޒާމު (ބީއީއެސްއެސް) ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އާންމުންނާއި، ރަށު ކައުންސިލްތަކުގެ އިތުރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި ސިލްސިލާގެ އެންމެ ފަހުގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ ލ. ކުނަހަންދޫ، ލ. މާބައިދޫ އަދި ށ. ފުނަދޫގައެވެ. މި ސެޝަންތަކުގައި، މަޝްރޫޢާމެދު ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބުދީ، އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތައް ކާމިޔާބުކުރުމަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

Ads by HDC