ޚަބަރު

މަސްތުވާތަކެތީގެ އައްޑާއެއް ރޭޑުކޮށް، ހަ މީހުން ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ފުޅާދާއިރާއެއްގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދީ، އެ ތަކެތީގެ ވިޔަފާރިކުރަމުންދިޔަ އެޕާޓްމަންޓެއް ފުލުހުން ބަލައިފާސްކުރުމަށް ފަހު، އެ މައްސަލައާ ގުޅުންހުރި ހަ ފިރިހެނަކު ހައްޔަރުކޮށް، މައްސަލައިގެ ތަހުގީގަށް 30 ދުވަހުގެ މުއްދަތަކަށް އެމީހުން ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ތަނުން ގިނަ އަދަދެއްގެ ފައިސާއާއި، ރަބަރު ޕެކެޓުތަކުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތީގެ އިތުރުން އެތަކެތި ކިރުމަށް ގެންގުޅޭ ކައްޓާ ވަނީ އަތުލައިގަނެފައެވެ.

ފުލުހުން ކޯޓުގައި މައުލޫމާތު ދީފައިވާ ގޮތުގައި، މި އެޕާޓްމަންޓަކީ ހަމައެކަނި މަސްތުވާތަކެތި ވިއްކުމަށް ހާއްސަކޮށްފައިވާ ތަނެއް ނޫނެވެ. އެއީ އެ ތަކެތި ގަންނަ ފަރާތްތަކަށް އެތަނުގައި ތިބެގެން ބޭނުންކުރެވޭނެ ހުރިހާ އިންތިޒާމެއް ވެސް ހަމަޖައްސާފައިވާ ތަނެކެވެ. މި ނުރައްކާތެރި ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 21 އަހަރާއި 45 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންތަކެކެވެ.

ބަންދުގެ މުއްދަތުގައި ތުހުމަތުކުރެވޭ މީހުން ވަނީ، ފެނުނު މަސްތުވާތަކެއްޗާއި އެމީހުންނާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ ދިފާއުގައި ވާހަކަދައްކާފައެވެ. އެހެންނަމަވެސް، ހައްޔަރުކުރެވުނު ފަރާތްތަކަކީ އެ މާހައުލަށް އާންމުކޮށް ވަދެނުކުމެ އުޅޭ ބައެއްކަން ސާބިތުކޮށްދޭ ހެކިބަސް ލިބިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

Ads by Ooredoo