ޚަބަރު

މުޅި ރާއްޖެއަށް ވެމްކޯގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ހަލުވިކޮށް ކުރިއަށްދޭ: ވަޒީރު ޢަލީ ޝަރީފް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
"އަހާ" ފޯރަމްގެ ދިހަވަނަ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ރަށަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަރަށް ބޮޑަށް ހަލުވިކޮށްފައިވާކަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށާއި އާބާދީ ބޮޑެތި މައި ސަރަޙައްދުތަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށުމަށް ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތްކުރަމުންނެވެ. ރޭ ބޭއްވި "އަހާ ފޯރަމް"ގައި އާންމު ރައްޔިތަކު ގއ. ވިލިނގިއްޔަށް ވެމްކޯގެ ޚިދުމަތް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އާބާދީ ބޮޑެތި ރަށްރަށަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ދުރު ރާސްތާގެ އަމާޒަކީ ޚިދުމަތް ނުލިބޭ އެންމެހާ ރަށްތަކަށް ވީއެންމެ އަވަހަކަށް މި ނިޒާމު ފޯރުކޮށްދިނުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ތަޞައްވުރަށް ވާސިލުވުމަށްޓަކައި ވެމްކޯއަށް ބޭނުންވާ މެޝިނަރީއާއި އުޅަނދުތައް ހޯދައިދިނުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ ވުޒާރާއިން މެދުކެނޑުމެއްނެތި އަންނަނީ ކުރަމުންނެވެ. އެގޮތުން، ދާދިފަހުން ވަނީ ކުނި އުފުލުމަށް ބޭނުންކުރާނެ 22 އުޅަނދެއް އެ ކުންފުންޏާ ޙަވާލުކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ މި ވަސީލަތްތަކާ އެކު ގޭބިސީތަކުންނާއި މަގުމަތިން ކުނި ނެގުމުގެ މަސައްކަތް އިތުރަށް އަވަސްކޮށް، ތިމާވެއްޓާ ރައްޓެހި އުސޫލުތަކުގެ މަތިން މުޅި ރާއްޖޭގައި ކުނި މެނޭޖުކުރެވޭނެ ދާއިމީ ނިޒާމެއް ވުޖޫދުކޮށް ރަށްރަށުގެ ސާފުތާހިރުކަން ކަށަވަރުކުރުން ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

Ads by Ooredoo