ވިޔަފާރި

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަޔް ކުރި ޓޫރިސްޓުންގެ އަދަދު 1.7 މިލިއަނަށް އަރައިފިއެެވެ.

ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ މިންވަރަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ.

އެމަހު އެކަނި ވެސް 247,722 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 17.7 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އެހެންނަމަވެސް، މާރިޗު އަދި އޭޕްރީލް މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ވަނީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ފާހަގަކުރެވޭ މިންވަރަކަށް ދަށަށް ގޮސްފައެވެ. އެގޮތުން މާރިޗު މަހު 19.8- އިންސައްތަ އަދި އޭޕްރީލް މަހު 24.4- އިންސައްތައިގެ ދަށްވުމެއް ވަނީ ރެކޯޑުކުރެވިފައެވެ.

ފަތުރުވެރިންގެ އިތުރުން ވިޔަފާރި ބޭނުންތަކަށް އައި މީހުންނާއި ކްރޫޒް ޕަސެންޖަރުން ހިމެނޭހެން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެވި ޖުމްލަ މީހުންގެ އަދަދަކީ 1,703,169އެވެ.

މި ތަފާސްހިސާބުތަކުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ، ކްރޫޒް ލައިނަރތަކުގައި (ކަނޑުމަގުން) ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވުމެވެ. 2025ވަނަ އަހަރު މުޅި އަހަރު ތެރޭގައި ކްރޫޒް ޕަސެންޖަރުންގެ ގޮތުގައި ޒިޔާރަތްކުރީ 8,263 މީހުން ކަމަށް ވީނަމަވެސް، 2026ވަނަ އަހަރުގެ އޮކްޓޯބަރ 17ގެ ނިޔަލަށް އެކަނި ވެސް 15,583 މީހުން ވަނީ ކްރޫޒްތަކުގައި ރާއްޖެއަށް އައިސްފައެވެ. މީގެ ތެރެއިން ވެސް އެންމެ ގިނަ މީހުން އައިސްފައި ވަނީ މިއަހަރުގެ ފެބްރުއަރީ (5,237 މީހުން) އަދި މާރިޗު (4,049 މީހުން) މަހުގައެވެ.

މިއަހަރުގެ ފަހުކޮޅަށް ބަލާއިރު، އޮކްޓޯބަރ މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި 100,148 ފަތުރުވެރިން އައިސްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 0.5 އިންސައްތައިގެ ކުޑަ ކުރިއެރުމެކެވެ. ޖުމްލަ ގޮތެއްގައި ފަތުރުވެރިންގެ އަދަދު ކުޑަކޮށް ދަށަށް ގޮސްފައިވީ ނަމަވެސް، ވިޔަފާރި ބޭނުންތަކަށާއި ކްރޫޒް ލައިނަރތަކުގައި އަންނަ މީހުންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.

Ads by HDC