ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކާރނޭޝަންވިއު / ހއ. ބާރަށް، އިބްރާހީމް ކަލީމް (35އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހު 18ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކުޅުދުއްފުށި ޕޮލިހާއި، ހަނިމާދޫ ޕޮލިސް އަދި އަޕަރނޯތު ޕޮލިސް ސީރިއަސް ކްރައިމް އިވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 29.86 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
