ޚަބަރު

ދައުލަތުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ފަރާތުން މިއަދު، ދައުލަތުގެ ހިއްސާ އެކުލެވޭ ތިން ކުންފުންޏެއް ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑާއި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުންތަކެއް ހަމަޖައްސަވައިފިއެވެ.

މި ބަދަލުތަކުގެ ދަށުން، ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ބޯޑަށް އައްޔަނުކުރައްވާފައި ވަނީ ގ. މާޅިކަ، އަޙްމަދު އިމްދާހު މުޙައްމަދެވެ. އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް އަލަށް އުފެއްދެވި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ބޯޑަށް ގދ. ތިނަދޫ، ޕެންޒީމާގެ، އިސްމާޢީލް ފަރުހާދު އަޙްމަދު ވަނީ އައްޔަނުކުރައްވާފައެވެ.

މީގެ އިތުރުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ހަމަޖައްސަވާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަން ކުރިން ކުރައްވާފައިވާ މ. އަހުލިހަ، މުޙައްމަދު އަރީޝްއެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕީސީބީން ގެންދަވަނީ ކުންފުނިތަކުގެ ބޯޑުތަކަށް މުހިންމު ބަދަލުތަކެއް ގެންނަވަމުންނެވެ.

Ads by Ooredoo